Yameen’s murder and humility

ޔާމީން މަރާލުމާއި ތަވާޟުޢުވެރިކަން

އެކުވެރިއެއް ކަމުގައިވާ ޔާމީން ރަޝީދުގެ މަރުގެ ހަބަރުން ލިބުނު ސިހުން އަދިވެސް ފިލާނުދާއިރު، މިއަދު ހިތުގައި ގިނަގުނަ ސުވާލުތަކެއް އުފެދެމުން އެބައާދެއެވެ. އަނިޔާވެރި ގޮތަކަށް ޔާމީން މަރާލާފައިވާއިރު، އެމަރުގެ ފަހަތުގައި ތިބީ ކޮންބައެއްތޯ މިއީ އެންމެ ޖަވާބު ބޭނުންވާ އެއްކަމެވެ. އަދި އެ ލާއިންސާނީ އަމަލު ހިންގި ސަބަބަކީ ކޮބައިތޯ އެނގެންވެސް ބޭނުންވެއެވެ. އަދި މިލާއިންސާނީ އަމަލު ހިންގުމަށް ބަޔަކަށް ހިތްވަރު ލިބުނީ މުޖުތަމައުގައި ކޮންކަހަލަ ސިފަތަކެއް ހުރގެންތޯ، ނުވަތަ ނެތިގެނަތޯ މިއީވެސް އުފެދޭ ސުވާލެކެވެ.

ދައުލަތާއި ރައްޔިތުން

އެލިޒަބަތް ކޮލްޓަން 1980ގައި ހަދާފައިވާ ދިރާސާއަކުން ދައްކާގޮތުގައި 12ވަނަ ގަރުނުގެ ރަސްކަމުގައިވެސް އަދި 1932ގެ ގާނޫނީ ވެރިކަމުގައިވެސް، އަދި 1968ގެ ދެވަނަ ޖުމުހޫރިއްޔާގައިވެސް ދިވެހިރާއްޖޭގައި ވެރިކަންކުރަމުންއައި ވައްޓަފާޅިއަކީ ބޭފުޅުން (elites) ރައްޔިތުންގެ މައްޗަށް ބާރުހިންގުމުގެ ނިޒާމެކެވެ. ތަފާތުއެކި ވެރިކަމުގެ ނިޒާމު ތަޖުރިބާކުރަމުންއައި ނަމަވެސް، މި ވައްޓަފާޅި ޖުމުލަގޮތެއްގައި ބަދަލުވެފައިނުވެއެވެ. ނިޒާމީ ބަދަލުތަކުގެތެރެއިން 2008ގައި ދިވެހިރާއްޖޭގެ ވެރިކަމުގެ ނިޒާމު އިންތިޚާބީ ޑިމޮކްރަސީއަކަށްވަނީ ބަދަލުކުރެވިފައެވެ. އުސޫލެއްގެ ގޮތުން، މިއީ ރައްޔިތުންގެ ބާރު ވަޒަންކުރެވޭނެ ނިޒާމަކަށްވީނަމަވެސް، ވެރިކަމުގެ ވައްޓަފާޅި އަދިވެސް އެކުއެކީ ބަދަލުވެފައިނުވެއެވެ. ކަންމިހެންއޮތުމުގެ ސަބަބުން ޑިމޮކްރަސީގެ ޚުލްގުތަކުގެ (ethics) ތެރެއިން އެންމެ މުހިންމު ޚުލްގު ކަމުގައިވާ ތަވާޟުޢުވެރިކަން (humility) ނުވަތަ ހިތްތިރިކަމާއި މަޑުމޮޅިކަން ވަނީ ފުޅާދާއިރާއެއްގައި އިސްތިސްނާކުރެވިފައެވެ. ދައުލަތާއި ރައްޔިތުންގެ މެދުގައި އޮންނަ ގުޅުން އަދިވެސްއޮތީ ޑިމޮކްރަސީގެ އަސާސުތަކާއި ޚިލާފަށް ރައްޔިތުންގެ މައްޗަށް ބޭފުޅުން ވެރިކަންކުރާ އަދި ބާރުހިންގާ ގުޅުމެއްގެ ގޮތުގައެވެ. މިގުޅުން މިހެންއޮވެމެ، ސަރުކާރުގެ ސިޔާސަތުތަކަކީ ރައްޔިތުންގެމެދުގައި ތަވާޟުޢުވެރިކަން އުފައްދާ އަދި ތަފާތުހިޔާލު ބަލައިގަންނަ ރައްޔިތުން އުފެއްދުމުގެ ސިޔާސަތުތަކެއްވެސްނޫނެވެ.

ތަވާޟުޢުވެރިކަމަކީ އެއްގޮތަށްވުރެ ގިނަގޮތުން ދިވެހިންގެ ދިވެހިވަންތަކަމާ (identity) ގުޅިފައިވާ ސިފައެކެވެ. މިގޮތުން މިއީ އިސްލާމް ދީނުގެ މާތް އަޚްލާގުގެތެރޭގައި ހިމެނޭ ސިފަތަކުގެތެރެއިން އެއްސިފައެވެ. މިސިފަތަކުގެ ތެރޭގައި ދެންހިމެނެނީ ތެދުވެރިކަމާއި، ޙިލްމުވެރިކަމާއި (ރުޅިމަޑުކަމާއި ކެއްތެރިކަން)، ކަރާމާތްތެރިކަމާއި، އަދި ހިތްވަރުގަދަކަމެވެ. ޑިމޮކްރަސީގައިވެސް އަދި އިސްލާމް ދީނުގައިވެސް ތަވާޟުޢުވެރިކަން ނުހަނު މުހިންމު އަޚްލާގަކަށް ވީހިނދު، ދައުލަތާއި ރައްޔިތުންގެ މެދުގައި، އަދި އެއްރައްޔިތަކާއި އަނެއްރައްޔިތަކާދެމެދު މިސިފައޮތުމަކީ ލާޒިމުކަމެކެވެ. މިސިފަ ނެތިގެން ހިނގައްޖެނަމަ އެހުސްކަން ފޫބައްދާ ސިފަތަކަކީ ކިބުރުވެރިކަމާއި ބޮޑާކަންފަދަ ސިފަތަކެކެވެ. މިފަދަ ސިފަތައް ބައެއްގެމެދުގައި އަށަގެންފިނަމަ، ތިމާގެ އިލްމުވެރިކަން ނެތްމިންވަރަށް ތިމާވަރެއްނެތިގެން އުޅުމުގެ ފުރުސަތު ފަހިވެ ޙިލްމުވެރިކަންވެސް ގެއްލިދެއެވެ. އަދި ދިމާވާ މައްސަލަތައް ހައްލުކުރުމުގައި ގޮތް ނިންމައިލުމަކީ ދެބަސްވެވުނު މީހާއާއި މަޝްވަރާކުރުމެއްނެތި ތިމާ އަމިއްލައަށް ނިންމާ ނިންމުމަކަށްވުމުގެ ފުރުސަތު ފަހިވެއެވެ. އެހެނީ، ތިމާއަށް ތިމާވަރުގެ މޮޅުމީހަކު ނެތީމައެވެ.

ތަފާތު ހިޔާލާއި ފިކުރު

ދިވެހިރާއްޖޭގައި ސިޔާސީ ބޭފުޅުން އެމީހުންގެ ބާރު ދެމެހެއްޓުމަށް “އެއްބައެއްވަންތަ” މުޖުތަމައުއެއް ގާއިމުކުރުމަށް މަސައްކަތްކޮށްފައިވެއެވެ. މިއަދު ދިވެހިރާއްޖޭގެ ހާލަތު އޮތްގޮތަކީ މިމަސައްތަކުގެ ނާކާމިޔާބީ ރަމްޒުކޮށްދޭ ކަމެކެވެ. ކޮންމެ މުޖުތަމައުއަކީވެސް އެމުޖުތަމައެއްގައި ތަފާތު ހިޔާލާއި ފިކުރުގެ މީހުން އުޅޭނެ މުޖުތަމައެކެވެ. އެއްބައެއްވަންތަ މުޖުތަމައުއެއް އުފެއްދުމަކީ ނާދިރުކަމަކަށްވާހިނދު، ހިކުމަތްތެރިގޮތަކީ ތަފާތުހިޔާލު ބަލައިގަންނަ މުޖުތަމައުއެއް އުފެއްދުމެވެ. ޔާމީން ރަޝީދު މަރާލުމާއި ގުޅިގެން މުޖުތަމައުގެ ތެރޭގައި ދެކެވޭ ވާހަކަތަކަށް ބަލާއިރު، މިއަނިޔާވެރި އަމަލަކީ ތަފާތުހިޔާލު ބަލައިނުގަތުމުގެ އަމަލެއްގެ ގޮތުގައި ސިފަކުރެވެއެވެ. ތަފާތުބަލައިގަތުމުގެ އާދަ އަށަގަނެފައިވީނަމަ، މުއާމަލާތްކުރުމާއި މަޝްވަރާކުރުމުގެ އާދަ މުޖުތަމައުގައި އޮތީހެވެ. އަދި ކިބުރުވެރިކަމާއި ބޮޑާކަން އެއްބަޔަކު އަނެއްބަޔެއްގެ މައްޗަށް އިސްނުކުރީހެވެ. ހިތާމައަކީ މިއަނިޔާވެރި އަމަލަކީވެސް ތަވާޟުޢުވެރިކަމުގެ އަމަލެއްކަމުގައި ބައެއްފަރާތްތަކުން ސިފަކުރާކަމެވެ.

އެއީ މަތިވެރި ފަރާތަކަށް ކުއްތަންވުމުގައި ތިމާއަށްލިބިދާނެ ގެއްލުމަކަށް ނުބަލައި އަމުރަށް ކިޔަމަންވުމަކީ ހިތްތިރިކަމާއި މަޑުމޮޅިކަމުގެ އަމަލެއްގެ ގޮތުގައި ސިފަކުރުމެވެ. ނަމަވެސް މިއީ ތަވާޟުޢުވެރިކަމާ ސީދާ އިދިކޮޅު އަމަލެކެވެ ނުވަތަ އޮޅުވާލުމުގެ ތަވާޟުޢުވެރިކަމެކެވެ (false humility). އެހެނީ އިސްލާމް ދީނުގައިވެސް ތަވާޟުޢުވެރިވުމުގައި އެންމެ މުހިންމު އެއްކަމަކީ އެއްއިންސާނަކު އަނެއްއިންސާނާގެ މައްޗަށް ކިބުރުވެރިވެ ބޮޑާވެނުގަތުމެވެ. އަދި މިއީ އިސްލާމްދީނުގެ ރިވެތި ސިފަތަކާވެސް ދިމާ އިދިކޮޅުއަމަލެކެވެ. އެހެނީ މީހެއްގެ ފުރާނައިގެ މައްޗަށް ތިމާ ވެރިވެގަންނަހިނދު، އެކަންއެކުރަނީ ތިމާއަށްލިބިހުރި އިލްމަކީ އެއިލްމަކާއިމެދު އެއްވެސް ދެބަސްވުމެއްނެތް އިލްމެއްގެ ގޮތުގައި ގަބޫލުކުރެވޭތީއެވެ. އެއިލްމަކާ އިޚްތިލާފްވާ ފަރާތްތަކަކީ ތިމާއަށްވުރެ ދެރަ، އެއްޗެއް ނޭގޭ ބައެއްގެ ގޮތުގައި ސިފަކުރެވުމުން، އެދައްކުވައިދެވެނީ އިލްމުގެ މައްޗަށް އަތްގަދަކޮށް ވެރިވެގަތުމެވެ. ބޮޑާކަމާއި ކިބުރުވެރިކަމެވެ. އިލްމަކީ ތިމާގެ މިލްކަކަށްހަދައި، ތިމާފަދަ އެހެން އިންސާނެއްގެ ފުރާނައަށް އަތްގަދަކުރުމުން އެއީ އަނިޔާވެރިކަމެވެ. ރަހުމު ކުޑަކަމެވެ. ތިމާގެ އަމިއްލަ ނަފުސަށްވެސް ގޮދުވެރިވުމެވެ. އަދި ޙިލްމުވެރިކަންވެސް ނެތިދިޔުމެވެ.

What are your thoughts?