Yameen’s murder and politics

ޔާމީން މަރާލުމާއި ސިޔާސަތު

ޔާމީން ރަޝީދު މަރާލި ހިތާމަވެރި ހާދިސާއަށް އެއްމަސް ވެގެންދިޔައިރު މިކަމާމެދު ސިޔާސީ ނަޒަރަކުން ވިސްނާލުމުގެ މުހިންމުކަން އެތަކެއް ސަބަބުތަކާހެދި ތަސައްވުރު ކުރެވިގެންދެއެވެ. ޔާމީންމަރާލުންފަދަ ލާއިންސާނީ ހާދިސާތަކުގައި ސިޔާސަތު (politics) ހިއްސާވަނީ ކޮންމިންވަރަކަށްތޯ، އަދި އިންސާފު ހޯދުމުގައި ސިޔާސީ ވާންޖެހެނީ ކީއްވެގެންތޯ، މިއީ ވިސްނާލުން މުހިންމު ނުކުތާތަކެއް ކަމުގައިދެކި، އޭގެ ބައެއް ސަބަބުތައް ތިރީގައި މިހިއްސާކޮށްލަނީއެވެ. 2008ވަނަ އަހަރުންފެށިގެން މިހާތަނަށް ދިވެހިރާއްޖޭގައި 45ށްވުރެ ގިނަ މީހުން މަރާލާފައިވެއެވެ. މީގެތެރޭގައި ގޭންގު މާރާމާރީތަކުގައި މަރާލެވިފައިވާ މީހުންނާއި، ބިދޭސީ މަސައްކަތްތެރިން (migrant workers) މަރާލުމާއި، އަދި ތަފާތު ހިޔާލުތަކުގެ (dissenting voices) މީހުން މަރާލުން ހިމެނެއެވެ. މިތިންބާވަތުގެ މަރާލުންވެސްވަނީ އެއްގޮތުން ނުވަތަ އެއަށްވުރެ ގިނަގޮތުން ސިޔާސަތާއި ގުޅިފައެވެ.

ގޭންގު މާރާމާރީތަކުގައި މަރާލެވޭ މީހުން

2012ވަނަ އަހަރު ދިވެހިރާއްޖޭގައި ގޭންގުތަކާގުޅޭގޮތުން ހަދާފައިވާ ދިރާސާއަކުން ހާމަވާގޮތުގައި އޭރު 20އާއި 30އާ ދެމެދުގެ އަދަދަކަށް ގޭންގު ދިވެހިރާއްޖޭގައި ހަރަކާތްތެރިވެއެވެ. ގޭންގެއްގެ މެންބަރުންގެ އަދަދު 50އާއި 400އާ ދެމެދު ގުނާލެވެއެވެ. ގޭންގުތަކުގައި ގިނައިން ހަރަކާތްތެރިވަނީ މަސްތުވާތަކެތި ބޭނުންކުރާ، ކުށުގެ ރެކޯޑު އޮންނަ ފިރިހެން ޒުވާނުންނެވެ. ގޭންގުތަކުގެ ހަރަކާތްތައް ރޭވުންތެރިގޮތެއްގައި (organised) ފެށިގެންއައިކަމަށް ބެލެވެނީ 1990ގެ ކުރީކޮޅުން ފެށިގެންނެވެ. ފާއިތުވި އަހަރުތަކުގެ ތެރޭގައި ގޭންގުތަކުން ހިންގާ މާރާމާރީގެ އަމަލުތަކުގެ ނުރައްކާބޮޑުވެ ޖިސްމާނީ ބޮޑެތި އަނިޔާ ދިނުމާއި މީހުން މަރާލުމުގެ ސަގާފަތެއް މިވަނީ އުފެދިފައެވެ.

މިދިރާސާއިން ހާމަވާގޮތުގައި ގިނަ ގޭންގުތަކަކީ ސިޔާސީ ފަރާތްތަކާއި އަދި ވިޔަފާރިވެރިންނާއި ގުޅުންއޮންނަ ގޭންގުތަކެވެ. މިގޮތުން ސިޔާސީގޮތުން ހަމަނުޖެހުން އުފެއްދުމަށާއި، މުދަލާއި ތަކެއްޗަށް ގެއްލުންދިނުމަށް، އަދި މީހުންނަށް އަނިޔާކުރުމަށް ގޭންގުތަކަށް ފައިސާއާއި އެހެނިހެން އިނާޔަތްތައް ދެއެވެ. އަދި ސިޔާސީ ކަންކަމަށް ރައްޔިތުންދޭ ސަމާލުކަން އެހެންދިމާލަކަށް އަނބުރާލުމަށް ގޭންގު މާރާމާރީ ބޭނުންކުރެއެވެ. ވިސްނާލަން މުހިންމު އެއްކަމަކީ، ގޭންގު މާރާމާރީގައި މީހުން މަރާލުން އާންމުކަމެއްގެ ގޮތުގައި (normalised) މުޖުތަމައު ބަލައިގެންފިހެން ހީވާހީވުމެވެ. ގޭންގު މާރާމާރީއެއްގައި ގޭންގަކަށް ނިސްބަތްވާ ޒުވާނަކު މަރުވުން އެއީ އަހައްމިއްޔަތުކަން ދޭންޖެހޭ މައްސަލައެކެވެ. ކޮންމެ މީހަކަށްވެސް ދިރިހުރުމުގެ ހައްގާއި ރައްކާތެރިމާހައުލެއް ލިބިދޭންޖެހެއެވެ. އަދި މިފަދަ ލާއިންސާނީ އަމަލުތައް ގިނަވުމަކީ ދައުލަތުން ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ ހައްގުތައް ފޯރުކޮށްދިނުމުގައި އިހުމާލުވާކަމުގެ ހެއްކެކެވެ. އަދި އިސްވެބުނެވުނު ދިރާސާއިން ހާމަވާފަދައިން ސިޔާސީ ފަރާތްތަކުން ނުސީދާގޮތުންނަމަވެސް މިފަދަ އަމަލުތަކުގައި ޝާމިލުވާކަމީ ކަންބޮޑުވާންޖެހޭ ކަމެކެވެ.

ބިދޭސީ މަސައްކަތްތެރިން މަރާލުން

ދިވެހިރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންގެ ހައްގުތައް ނިގުޅައިގަނެވޭ ވާހަކައަކީ އާންމުކޮށްއިވޭ، އެކަމަށްވެސް ހާއްސަ އަހަންމިއްޔަތުކަމެއް ދޭންޖެހޭ މައްސަލައެކެވެ. ދިވެހިރާއްޖޭގެ ހިއުމަން ރައިޓްސް ކޮމިޝަނުން 2014ވަނަ އަހަރު ޔުނިވާސަލް ޕިރިއޮޑިކް ރިވިއުއަށް ހުށަހަޅާފައިވާ ރިޕޯޓުގައި ބަޔާންކޮށްފައިވާގޮތުން ދިވެހިރާއްޖޭގައި އުޅޭ ބިދޭސީ މަސައްކަތްތެރިން އުޅެންޖެހިފައިވަނީ ވަރަށް ދަތިހާލުގައެވެ. ފުރިހަމަ ވައި ދައުރުކުރާނެ، އަދި ސާފުތާހިރުވެވޭނެ ނިޒާމާއި ވަސީލަތްތައްނެތް ތަންތަނުގައި ތޮއްޖެހިގެންނެވެ. ދިވެހި މުޖުތަމައުގައި ބިދޭސީ މަސައްކަތްތެރިންނަކީ ދަށްބައެއްގެ ގޮތުގައި ސިފަކުރެއެވެ. ކުނިކޮތަޅު ހިފައިގެން ބައިސިކަލުގަދާ ބިދޭސީމީހާ ކޮޅުފައިންޖަހާ ވައްޓާލާފައިވަނީ އެތަކެއް ފަހަރަކުއެވެ. މަގުމަތިން ހިނގާފައި ދަނިކޮށް ގިނަބައެއްގެ ކުރިމަތީގައި އަނިޔާކޮށް ފޯނާ ފައިސާ ފޭރިގެންފައިވަނީ އެތަކެއް ފަހަރަކުއެވެ. މިގޮތުން ކުރެވޭ އަނިޔާތަކުގެ ތެރޭގައި އެތަކެއް ބިދޭސީން މަރާލެވިފައިވެއެވެ. މީގެތެރެއިން އެއްހާދިސާއަކީ 22 މާރިޗް 2015ގައި މަރާލާފައިވާ އުމުރުން 24 އަހަރުގެ ޝާހީން މިއާގެ ހާދިސާއެވެ. ޝާހީން މަރާލީ، އޭނާ މަސައްކަތްކުރަމުންއައި ކެފޭ ބަންދުވަގުތެއްގައި އެތަނަށްދިޔަ ބަޔަކަށް ކޮފީދޭން އުޒުރުވެރިވުމުންނެވެ. އޭގެ ފަހުން އެތަކެއް ފަހަރަކު ޝާހީންއަށް އިންޒާރުދީ، އެއްރެޔަކު މޫނުނިވާކޮށްގެން ތިބި ހަތަރު މީހަކުއައިސް އެއްވެސް ރަހުމެއްނެތި އޭނާމަރާލީއެވެ.

ބިދޭސީ މަސައްކަތްތެރިންނާމެދުވެވޭ އަނިޔާތަކަކީވެސް އާންމުކަމެއްގެ ގޮތުގައި ސިފަކުރެވޭކަމީ ހިތާމަވެރި ކަމެކެވެ. އަދި އެފަދަ އަމަލުތަކަށް ހާއްސަ ސަމާލުކަމެއް ދޭންޖެހެއެވެ. ދިވެހިރާއްޖޭގައި އުޅޭ ކޮންމެ މީހަކަށްމެ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަކީ ދައުލަތުގެ ޒިންމާއަކަށް ވީހިނދު، ބިދޭސީ މަސައްކަތްތެރިންގެ ހައްގުތައް ރައްކާތެރިކުރުމަށް ހަރުދަނާ ސިޔާސަތުތަކެއް ނެތްކަން މިފަދަ ހާދިސާތައް ތަކުރާރުވަމުން ދިޔުމުން ހާމަވެގެންދެއެވެ. އިންސާނީ ހައްގުތަކާގުޅޭ ބައިނަލްއަގުވާމީ މުއާހަދާތަކުގެ ތެރެއިން ގިނަ މުއާހަދާތަކެއްގައި ދިވެހިރާއްޖެ ބައިވެރިވެފައިވާއިރު، ބައިވެރި ނުވާ އެއް މުއާހަދާއަކީ ބިދޭސީ މަސައްކަތްތެރިންގެ ހައްގުތައް ރައްކާތެރިކުރުމާގުޅޭ މުއާހަދާއެވެ.




ތަފާތު ހިޔާލުތަކުގެ މީހުން މަރާލުން

ޔާމީންގެ މަރާގުޅިގެން އެކިފަރާތްތަކުން ހިއްސާކުރަމުންދާ ޝުއޫރުތަކަށް ބަލާއިރު، މިމަރަށް ހާއްސަ އަހައްމިއްޔަތުކަމެއްދެވޭ ދެސަބަބެއް އެބައޮތެވެ. އެއް ސަބަބަކީ، ޔާމީންގެ މަރާލުން ގިންތީވަނީ ރާއްޖޭގައި އަލަށް އިތުރުވަމުން އަންނަ ބާވަތެއްގެ މަރާލުމެއްގެ ތެރެއަށެވެ. މިބާވަތުގެ ހާދިސާތަކުގެ ތެރޭގައި ފާހަގަކޮށްލެވެނީ 2012ވަނައަހަރު ޔާމީން މަރާލާފައިވާގޮތާއި ދާދި އެއްގޮތަކަށް މަރާލާފައިވާ ޑރ. އަފްރާޝީމް އަލީގެ މަރެވެ. އެއަށްފަހު، 2014ވަނައަހަރު ވަގަށްނަގާފައިވާ، އަދިވެސް ވީނުވިއެއް އެނގިފައިނުވާ އަހުމަދު ރިލްވާނުގެ މައްސަލައެވެ. ޑރ. އަފްރާޝީމާއި ރިލްވާން އަދި ޔާމީނަކީ ދިވެހިރާއްޖޭގައި އުފެދިގެންއައި ‘އައު ފިކުރުތަކެކެވެ’. އާންމުކޮށް ދިވެހިންގެ މެދުގައި އޮންނަ ދީނީމެދުމިނުގެ ވިސްނުމަށްވުރެ ފުޅާދާއިރާއެއްގައި މިފިކުރުތައް ގިންތީކުރެވެއެވެ. ފުޅާދާއިރާއެއްގައި ބަލާއިރު، ބުއްދިކުރުމުގެ (causality) ފަލްސަފާއެއްގެ ތެރޭގައި މިތިން މީހުންގެވެސް ބަހުރުވަ ހިމެނެއެވެ. އަދިތަފާތު ބަލައިގަތުމުގެ ވިސްނުމަކީ ޔާމީންއާއި ރިލްވާން ގުޅުވާލަދިން ބަހުރުވަވެސްމެއެވެ.

ދެވަނަކަމަކީ، ހާއްސަގޮތެއްގައި ޔާމީންގެ މަރާގުޅިގެން އުފެދެމުންއަންނަ ތަފާތު ބަލައިނުގަތުމުގެ ހަރުކަށި ވިސްނުމެއް ރާއްޖޭގައި ފެތުރެމުން އަންނަ ކަމެވެ. ދީންކިޔަވާ ދަރިވަރުން އިސްސަފުގައިތިބެ މިބަހުރުވަ ކުރިއެރުވުމުގައި އިސްދައުރެއް އަދާކުރާކަން ފާހަގަކުރެވެއެވެ. އަދި މިބަހުރުވަ ދީނާ ގުޅުވައި، ދީނުގެ އާލަމީ ރިވެތި ސިފަތަކަށް ބޭއިންސާފު ލިބޭނެ ބީދައަކުން ބަސްމަގު ބަހައްޓައި، ބުއްދިކުރުމަށް ވަކާލާތު ކުރާބަޔަކު މަރާލުމަކީ އެއްވެސް މައްސަލައެއްނެތް ކަމެއްގެ ގޮތުގައި ސިފަކުރާތަން ފެނެއެވެ.

މިކަމުން ދޭހަކޮށްދޭ އެންމެ މުހިންމު އެއްކަމަކީ ދިވެހިރާއްޖޭގައި ތަފާތު ވިސްނުންތައް (diverse ideologies) އެބަހުރިކަމެވެ. ތަފާހު ހިޔާލާއި ވިސްނުން ހުރެމެ، އެކުއެކީގައި އުޅެވޭނެ (coexistance) ރަގަޅު ސިޔާސަތުތަކެއް ނެތުމުގެ ސަބަބުން ހިޔާލުތަފާތުވުން ރުޅިވެރިކަމާއި އަނިޔާވެރިކަމަށް ބަދަލުވެގެންދެއެވެ. އެހެންކަމުން ވަކިބަޔަކު އެކަހެރި ކުރުމުގެ އުސޫލުތަކެއް ނުގެންގުޅެ ތަފާތު ފިކުރުތަކާއެކުމެ އުޅެވޭނެ ރަގަޅު އުސޫލެއް ދައުލަތުން ގާއިމުކުރަންޖެހެއެވެ. ފުރައްސާރަކުރުމާއި، ބިރުދެއްކުމާއި އަނިޔާވެރިވުމުގެ ސަގާފަތަކަށް ޖާގަދިނުމަށްޓަކައި ވަކިބަޔަކު އެކަހެރިކުރުމުގެ ސިޔާސަތަކީ ދިވެހިރާއްޖެއިން ފެނިފައިވާ އަދި ބަލިކަށިވެފައިވާ ސިޔާސަތެކެވެ. މިފަދަ އެއްސިޔާސަތަކީ “އެއްބައެއްވަންތަ” (homogeneous) މުޖުތަމައެއްގެ ގޮތުގައި ދިވެހިރާއްޖެ ހަދަން ކުރިމަސައްކަތެވެ. މިސިޔާސަތުގެދަށުން ސިޔާސީގޮތުންނާއި ދީނީގޮތުން އޭރުގެ ސަރުކާރުގެ ސިޔާސަތުތަކާ ތަފާތު ހިޔާލުތަކުގެ މީހުންނަށް ނުހައްގުން އަނިޔާދެވި އެމީހުން މުޖުތަމައުއިން އެކަހެރިކުރެވުނެވެ.

2008ގައި ދިވެހިރާއްޖެ އިންތިޚާބީ ޑިމޮކްރަސީއަކަށް ބަދަލުވުމަށްފަހުގައި އޭރުގެ ސަރުކާރުންވެސް ހިޔާލުތަފާތުވުންތަކަށް ހަރުދަނާ ސިޔާސަތުތަކެއް ވުޖޫދުކޮށްފައިނުވެއެވެ. އަދި ދީނީގޮތުންވެސް ތަފާތު ހިޔާލުތަކެއް ދިވެހިންގެމެދުގައި އުފެދިފައިވީހިނދު، ދީނީވަކި ވިސްނުމަކަށް ފަހިވާނެހެން ސިޔާސަތުއެކުލަވާލުންވީ ތަފާތުތައް އިތުރަށް ފުޅާވެގެންދިޔަ ކަމަކަށެވެ. މިގޮތުން ދީނީ ހަރުކަށި ފިކުރާއި، ދީނަށް ފުރައްސާރަކުމުގެ ފިކުރުވެސް ބޮއްސުންލައިގެން ދިޔައެވެ. މިއަދުގެ ސަރުކާރުންވެސް މިކަމަށް ފުރިހަމަ ހައްލެއްގެނައުމަށް ހަރުދަނާ މަސައްކަތްތަކެއް ކުރެވޭތަނެއް ނުފެނެއެވެ. ފެންނަ މަންޒަރުތަކަށް ބަލާއިރު ހާމަވަނީ ތަފާތު ހިޔާލުތައް ބަލައިގަތުމުގެ ރޫހެއް އާލާކުރުމުގެ ބަދަލުގައި، ތަފާތު ހިޔާލުތައް އޮބެހެއްޓުމަށް ނޭދެވޭ މަސައްކަތްތަކެއް ކުރާތަނެވެ.

ނިންމާލުން

މިހިއްސާކުރެވުނު ވާހަކަތަކުގެ އަލީގައި ފާހަގަކޮށްލެވޭ މުހިންމު ދެނުކުތާއެއް އެބައޮތެވެ. އެއްކަމަކީ ސިޔާސީ ބާރުތަކާއި، ގޭންގުތަކާއި އަދި ފައިސާވެރިންނާމެދު އޮތް ގުޅުމެވެ. މިގުޅުންތަކުގެ ސަބަބުން ގޭންގުތައް މެދުވެރިކޮށް ގޭންގުތަކަށް ފައިސާދީގެން ސިޔާސީ މަންފާ ހޯދުމަށް ތަފާތު ނޭދެވޭ އަމަލުތައް މުޖުތަމައުގައި ހިންގާކަން ފާހަގަކުރެވެއެވެ. އެހެންކަމުން މުޖުތަމައުގައި ހިންގާ ނޭއްގާނި އަމަލުތަކުގެ ފަހަތުގައި ސިޔާސީ ބާރުތަކުގެ ބައިވެރިވުން ކަށަވަރުވެއެވެ. ދެވަނަކަމަކީ، މުޖުތަމައުގައި ތަފާތު ހިޔާލުތައް އުފެދެމުން އަންނަ ދަނޑިވަޅެއްގައި، އެކަމަށް އެކަށީގެންވާ ހަރުދަނާ ސިޔާސަތުތަކެއް ސަރުކާރާއި ދައުލަތުން ވުޖޫދުނުކުރާކަމެވެ. މިފަދަ ހަރުދަނާ ސިޔާސަތުތަކެއް ނެތުމަކީ މުޖުތަމައުގެ ހަމަޖެހުމަށް ލިބިގެންދާ ހީނަރުކަމެކެވެ. މިސަބަބުތަކާހެދި، ޔާމީން މަރާލުމުގެ އަމަލު ސިޔާސީ ކަމަކަށްނުވާނެ، އަދި އެކަން ސިޔާސީ ނުކުރާންވީ އެއްވެސް ސަބަބެއްނެތެވެ.

ޔާމީނަށް އިންސާފު ހޯދުމުގެ އެންމެމުހިންމު އެއްކަމަކަށް ވާންޖެހެނީ ސަރުކާރު ޒިންމާދާރުކުރުވުމެވެ. ސިޔާސީ ބާރުތައް ޒިންމާދާރުކުރުވުމެވެ. ރައީސުލްޖުމްހޫރިއްޔާ ޒިންމާދާރުކުރުވުމެވެ. އާސިޔާސަތެއް ވުޖޫދުކުރުމެވެ. އެހެނީ، މިފާހަގަކުރެވުނު ސިޔާސީ ކަންތައްކަތަށް ހައްލުކުރުމަކީ ހަމަޖެހޭ މުޖުތަމައެއް އުފައްދަން މަޖުބޫރުކަމެކެވެ.

What are your thoughts?