Brief look at Rohingya Muslims

ރޮހިންޖާ މުސްލިމުންނަށް ނަޒަރެއް

ރޮހިންޖާގެ މުސްލިމުންނަކީ މުޅިދުނިޔޭގައިވެސް އެންމެބޮޑަށް އަނިޔާލިބެމުންދާ މައިނޯރިޓީ އާބާދީކަމުގައި ސިފަކުރެވެއެވެ. މިއަދު ގާތްގަނޑަކަށް 1.1 މިލިއަން ރޮހިންޖާ މުސްލިމުން މިޔަންމާގަ އުޅެއެވެ. މިޔަންމާގެ ގިނަމީހުންނަކީ ބުދުދީނަށް ތަބައުވާ ބައެކެވެ. މިޔަންމާގަ 135 ނަސްލީ ޖަމާއަތެއް ރަސްމީގޮތުން ބަލައިގަނެފައިވާއިރު، ރޮހިންޖާގެ މުސްލިމުން މީގެތެރޭގައި ނުހިމެނެއެވެ. އަދި 1982ވަނަ އަހަރުން ފެށިގެން މިޔަންމާގެ ރައްޔިތުކަން އެމީހުންގެ ކިބައިންވަނީ ގާނޫނީގޮތުން ނިގުޅައިގަނެފައެވެ. ރޮހިންޖާގެ މުސްލިމުން ދިރިއުޅެމުންދަނީ މިޔަންމާގެ ރަޚައިން ސަރަހައްދުގައެވެ. އެއީ މިޔަންމާގެ އެންމެ ފަގީރު، އަދި އެންމެ ވަސީލަތްތަކާއި ފުރުސަތުތައްމަދު ސަރަހައްދެވެ. އަދި ރޮހިންޖާގެ މުސްލިމުން މިޔަންމާގެ ސަރުކާރުގެ ހުއްދަނެތި އެސަރަހއްދުން ދިޔުންއޮންނަނީ މަނާކޮށްފައެވެ.

ރޮހިންޖާ މީހުންގެ އަސްލަކީ ކޮބާ؟

މިޔަންމާގެ މުސްލިމުންގެ އަސްލާމެދު ހިޔާލުތަފާތުނަމަވެސް، 12ވަނަ ގަރުނާހަމައިންވެސް މިޔަންމާގައި މުސްލިމުން ދިރިއުޅޭކަން ތާރީޚް ދިރާސާކުރާމީހުން ބުނެއެވެ.

ބައެއްމީހުންދެކޭގޮތުގައި ރޮހިންޖާ މީހުންނަކީ މިޔަންމާގެ އަސްލު ދަރިފަސްކޮޅެވެ. އަނެއްބަޔަކު ދެކެނީ ރޮހިންޖާ މީހުންނަކީ ބަންގްލަދޭޝްއިން މިޔަންމާއަށް ހިޖުރަކުރި ބައެއްގެ ގޮތުގައެވެ. އަދި އެމީހުންނަކީ ބަންގްލަދޭޝާއި މިޔަންމާއާދެމެދު ދަތުރުކުރާ “ބޯޓުގެ އަހުލުވެރިން” ކަމުގައިދެކޭ މީހުންވެސްއުޅެއެވެ. އަނެއްބަޔަކު ދެކޭގޮތުގައި ރަޚައިންގައި މުސްލިމުން އުޅުނުނަމަވެސް، ރޮހިންޖާ، މިނަމަކީ ސިޔާސީ މަގުސަދަކަށްޓަކައި 1948އިން 1962ށް ވެރިކަންކުރި ފަރާތުގެ އުފެއްދުމެކެވެ.

މިފަދަ ގަބޫލުކުރުންތަކާއެކީ މިޔަންމާގެ ބުދުދީނުގެ ގިނަބަޔަކު ރޮހިންޖާ މުސްލިމުންނާމެދު ނަފުރަތު ކުރެއެވެ. އަދި 1982ވަނަ އަހަރު މިޔަންމާގެ ރައްޔިތުކަމުގެ އާ ގާނޫނު އެކުލަވާލެވި، އެގާނޫނުގެ ދަށުން ރޮހިންޖާ މީހުންގެ ރައްޔިތުކަން ނިގުޅައިގަތުމުން، އެމީހުންނަށް ތައުލީމު އުގެނުމުގެ ފުރުސަތާއި، ދަތުރުފަތުރުކުރުމާއި، މަސައްކަތްކުރުމާއި، ކައިވެނިކުރުމާއި، ދީނަށްއުޅުމާއި، މިފަދަ އެތަކެއް ހައްގުތަކެއް ހިފެހެއްޓިގެންދިޔައެވެ.

ރޮހިންޖާ މީހުންނަށް ކުރާ އަނިޔާ

ރަޚައިންގައި އުޅޭ ރޮހިންޖާ މުސްލިމުންނަށް، 1970ން ފެށިގެން މިޔަންމާގެ ދައުލަތުން، ހާއްސަގޮތެއްގައި އަސްކަރިއްޔާއިން، ތަފާތު އަނިޔާވެރި އަމަލުތައް ހިންގަމުން އާދެއެވެ. މީގެސަބަބުން އެތައް ހާސް ރޮހިންޖާ މުސްލިމުން ގައުމު ދޫކޮށް ފިލަންޖެހިފައިވެއެވެ. މިފަދަ އަނިޔާކުރުންތަކުގެ ތެރޭގައި ޖިސްމާނީ އަނިޔާދިނުމާއި، އިއްފަތްތެރިކަން ފޭރިގަތުމާއި، އަލިފާން ޖެހުމާއި މެރުން ހިމެނެއެވެ.

މިއަނިޔާވެރި އަމަލުތަކުގެ ފަހަތުގައި ތަފާތުއެކި ބަހުރުވަތައް ހިމެނޭއިރު، މިޔަންމާ ރައްޔިތުންގެ އެތައްބަޔަކު މުސްލިމުންނާމެދު ނަފުރަތުކުރާކުރުން އެއީ ފާހަގަކޮށްލެވޭ ކަމެކެވެ. އަހަރެންގެ އެކުވެރި މިޔަންމާގެ ރައްޔިތަކު ކިޔައިދިންގޮތުގައި ސޯޝަލްމީޑިއާ މެދުވެރިކޮށް މުސްލިމުންނާ ދެކޮޅަށް ހިޔާލުފާޅުކުރުމާއި، “ހަލާލު” ރެސްޓޯރަންޓްތަކާދެކޮޅަށް އަޑުއުފުލުމާއި، ޖެއްސުމުގެ އަދި ނިކަމެތި ކުރުމުގެ ބަހުރުވަތަކުން މުސްލިމުންނާ ފޮށުމަކީ މިޔަންމާގައި އާންމުކަންކަމެވެ.

މިފަދަ އަމަލުތަކަށް ހިތްވަރުދިނުމުގައި ވިރަތު ފަދަ ބުދުދީނުގެ ފާދިރީންގެ ދައުރުބޮޑެވެ. އަދި މިޔަންމާގެ ބައެއް ސިޔާސީ ޕާޓީތަކުން ރޮހިންޖާ މުސްލިމުންނާ ދެކޮޅަށް ވަކާލާތުކޮށް ނަފުރަތު އުފައްދައެވެ. އަދި ގައުމުގެ އަސްކަރިއްޔާއިން ގައުމިއްޔަތުގެ ނަމުގައި ރޮހިންޖާ މުސްލިމުންނަށް އަނިޔާކުރަނީ އެއްވެސް ހަމައެއް ލަމައެއްނެތިއެވެ. މިމަގުން ކަންހިނގާއިރު، މިޔަންމާގެ އަސްކަރިއްޔާއަކީ ދައުލަތް ހިންގުމުގައި އިންތިހާއަށް ބާރުވެރި މުއައްސަސާއެކެވެ. މިގޮތުން، ޑިފެންސް މިނިސްޓްރީއާއި ބޯޑާ ސެކިއުރިޓީ ހިމެނޭގޮތަށް ބާރުގަދަ ގިނަ މިނިސްޓްރީތަކެއް ކޮންޓްރޯލް ކުރަނީ އަސްކަރިއްޔާއިންނެވެ. އަދި ގާނޫނުހަދާ މަޖިލިހުގެ ¼ ބަޔަކީ އަސްކަރިއްޔާއަށް، ވާދަކުރުމަކާނުލާ، ލިބޭގޮތަށް ކަނޑައަޅާފައިވާ ގޮނޑިތަކެކެވެ.

ނިންމާލުން

ރޮހިންޖާ މުސްލިމުންގެ ނިކަމެތި ހާލަތު މިހެންއޮތްހިނދު، އަދި މިޔަންމާގައި އާންމު އުސޫލެއްގެ ގޮތުން މުސްލިމުންނާ ދެކޮޅު ބަހުރުވަތަކާއި އަމަލުތައް ގިނަނަމަވެސް، ރޮހިންޖާ މީހުންނަށް ހައްގުތައް ލިބެންޖެހޭ ކަމަށް ގަބޫލުކުރާމީހުންނާއި، އަދި އެމީހުންނަށް މިޔަންމާގެ ރައްޔިތުކަން ލިބެންޖެހޭކަމަށް ވަކާލާތުކުރާ މީހުންވެސް މިޔަންމާގައި އުޅެއެވެ.

ރޮހިންޖާ މުސްލިމުންނަށް ލިބެމުންދާ ނިކަމެތިކަން އިންތިހާއަށް މާޔޫސްކުރުވަނިވިނަމަވެސް، މިޔަންމާގައި އިންސާނި ހައްގުތަކަށް ވަކާލާތުކުރާ ފަރާތްތަކުން ހިތްވަރު އެލުވާނުލައެވެ. އެމީހުންނަށް ހިތްވަރު ލިބޭ އެއްކަމަކީ ވިރަތު ފަދަ މުސްލިމުންނާދެކޮޅަށް ބަހުރުވައުފައްދާ ފާދިރީންގެ ސީދާ ސިޔާސީ ބާރުވެރިކަމެއް ނެތުމެވެ، އަދި ދުނިޔޭގެ އެކި ހިސާބުތަކުން ރޮހިންޖާ މީހުންގެ ހައްގުތައް ހިމާޔަތްކުރުމަށް ވަކާލާތުކުރުމެވެ.

What are your thoughts?