އަބްދުﷲ ރަޝީދުގެ މަރުން ލިބޭ ފިލާވަޅަކީ ކޮބާ؟

Square

އަބްދުﷲ ރަޝީދުގެ މަރުން ލިބޭ ފިލާވަޅަކީ ކޮބާ؟

މީގެ ދެ އަހަރުކުރިން، 2015ގެ މޭޑޭ މުޒާހަރާގައި ބައިވެރިވެގެން 5 އަހަރަށް ޖަލަށްލާފައިވާ އަބްދުﷲ ވަނީ 10 އޮކްޓޯބަރު 2017ގައި މަރުވެފައެވެ. އަބްދުﷲ މަރުވީ އެތެރެހަށީގެ ބައްޔަކަށް ފަރުވާދެމުންދަނިކޮށް އައިޖީއެމްއެޗްގައެވެ. އަބްދުﷲގެ މަރާ ގުޅިގެން ދެކެވޭ އެއްވާހަކައަކީ ޖަލުގައި ތިބޭ ގައިދީންނަށް އެކަށީގެންވާ ސިއްހީފަރުވާ ފޯރުކޮށްދިނުމަށް ދައުލަތުން އިހުމާލުވެފައިވާ ވާހަކައެވެ. އަބްދުﷲގެ އާއިލާއިން ހިއްސާކުރި މައުލޫމާތުގެ އަލީގައި އެމް.ޑީ.ޕީން ނެރުނު ބަޔާނެއްގައި ފާހަގަކޮށްފައިވާގޮތުގައި އަބްދުﷲގެ ސިއްހީހާލަތު ހީނަރުވަމުންދާތީ އެކިފަހަރުމަތިން ބޭސްފަރުވާ ހަމަޖެއްސުމަށް ކަރެކްޝަންސްގައި އެދިފައިވެއެވެ. ނަމަވެސް ކަރެކްޝަންސްއިން އެކަމަށް ސަމާލުކަމެއްނުދީ، ބޭސްފަރުވާކުރުމަށް އަބްދުﷲ އައިޖީއެމްއެޗަށް ގެނައީ އަބްދުﷲ އަނބުރައިގަނެގެން ގޮޅިތެރެޔަށް ވެއްޓުމުންކަމަށް މިބަޔާނުގައި ބުނެފައިވެއެވެ.


ދިވެހިރާއްޖޭގެ ގާނޫނުއަސާސީގެ 23ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަދައިން ރަގަޅު ފެންވަރުގެ ސިއްހީ ހިދުމަތްތައް ލިބުމަކީ ކޮންމެ ރައްޔިތަކަށްމެ ލިބިގެންވާ ހައްގެކެވެ، އަދި ދައުލަތުން މިކަން ކަށަވަރުކޮށްދޭންޖެހެއެވެ. އަދި ދިވެހިރާއްޖެއިން ބައިވެރިވެފައިވާ ބައިނަލްއަގުވާމީ މުއާހަދާތަކުގައިވެސް މިކަން ތަކުރާރުކޮށްފައިވެއެވެ. އެހެންކަމުން ގާނޫނީގޮތުންވެސް، އަދި ހެޔޮ ރިވެތި (moral) އުސޫލުތަކުންވެސް ރައްޔިތުންނަށް ފުރިހަމަ ސިއްހީފަރުވާ ފޯރުކޮށްދިނުމަކީ ދައުލަތުގެ ޒިންމާއެކެވެ. ވަކިން ހާއްސަކޮށް ދައުލަތުގެ ސީދާ ބެލުމުގެ ދަށުގައި ހުރި މީހަކަށް އެކަށީގެންވާ ސިއްހީ ސަމާލުކަން ނުދެވުމުގެ ސަބަބުން މިދުނިޔެއާއި ވަކިވާންޖެހުމަކީ ކަންބޮޑުވާ، އަދި އެކަމާ އިހުތިޖާޖު ކުރަންޖެހޭ ކަމެކެވެ. އަބްދުﷲގެ މަރާއިގުޅިގެން ދައުލަތާއިމެދު ކުރެވޭ ތުހުމަތުތަކަށް ދައުލަތުން ޖަވާބުދާރީވާން ޖެހެއެވެ. އަދި މިކަމުގައި ދައުލަތުގެ އިހުމާލެއްވާނަމަ، އެކަމެއް ބަލައި އެކަށީގެންވާ ފިޔަވަޅު އަޅަންޖެހެއެވެ. އިދިކޮޅު ސިޔާސީ ފަރާތްތަކުންވެސް ދައްކަމުންދާ ވާހަކައަކީ މިއެވެ. އެހެންނަމަވެސް މިހާދިސާގެ ފަހަތުގައި ނުދެކެވޭ ވާހަކަތަކެއް ވާކަމުގައި ހިތުގެ ފުންމިނުން ގަބޫލުކުރެވެއެވެ.

މީގެ ދެ އަހަރުކުރިން، 2015ވަނަ އަހަރު ބޭއްވުނު މޭޑޭ މުޒާހަރާއަކީ ފަހުގެ ތާރީހުގައި ދިވެހިރާއްޖޭގައި ބޭއްވުނު އެންމެބޮޑު އެއް މުޒާހަރާއެވެ. ޖުމުލަ 25،000 މީހުން ބައިވެރިވިކަމަށް އަންދާޒާކުރެވޭ މިމުޒާހަރާއާއިގުޅިގެން 200 ވަރަކަށް މީހުން ހައްޔަރުކޮށްފައިވެއެވެ. މިމުޒާހަރާގެ ތެރޭގައި އާންމުންނާއި ފުލުހުންނާދެމެދު ކުރިމަތިލުންހިނގައި މާރާމާރީ ހިންގާފައިވެސްވެއެވެ. ބިންމައްޗަށް ވެއްޓުނު ސްޕެޝަލް އޮޕަރޭޝަންސް ފުލުހަކަށް އާންމުން އަނިޔާކުރި ވީޑީއޯއެއް ފުލުހުންވަނީ އާންމުކޮށްފައެވެ. އަދި މިހާދިސާއާއި ގުޅިގެން ޖުމުލަ 15 މީހަކުވަނީ ހައްޔަރުކޮށްފައެވެ. އަބްދުﷲއަކީ މި 15 މީހުންގެ ތެރެއިން ޖަލުހުކުމް އިއްވުނު އެކަކެވެ. އަދި މި މުޒާހަރާގައި ދެއްކި ވާހަކަތަކާ ގުޅިގެން ފެބްރުއަރީ 2016ވަނަ އަހަރު ޝޭޚް އިމްރާން އަބްދުﷲގެ މައްޗަށް ޓެރަރިޒަމްގެ ކުށްސާބިތުވެ 12 އަހަރަށް ވަނީ ޖަލަށް ހުކުމްކޮށްފައެވެ.

މޭޑޭ މުޒާހަރާގައި ބައިވެރި މީހުންނަކީ، އަދި ވަކިން ހާއްސަކޮށް ހައްޔަރުކުރެވި ޖަލުހުކުމް އިއްވުނު މީހުންނަކީ ބަތަލުންގެ ގޮތުގައި އިދިކޮޅު ސިޔާސީ ފަރާތްތަކުން ފާހަގަކޮށްފައިވެއެވެ. އަދި އެމީހުންނަކީ އެއްވެސް ކުށެއްނެތި، އެއްވެއުޅުމުގެ ހައްގާއި ހިޔާލުފާޅުކުރުމުގެ ހައްގު ބޭނުންކުރުމުގެ ސަބަބުން ނުހައްގުން ޖަލަށްލެވިފައިވާ ބައެއްގެ ގޮތުގައިވެސްވަނީ ސިފަކުރެވިފައެވެ. ނަމަވެސް ސިޔާސީ “އިސް ބޭފުޅުން” ހައްޔަރުކުރެވެންފެށުމާއެކީ އާންމު ބަތަލުންގެ ވާހަކަ އޮބިގެން ދިޔައެވެ. ޖަލުގައި ހިންގާ ލާއިންސާނީ އަމަލުތަކުގެ ވާހަކަ ބިނާވެފައިވައިއޮތީ ސިޔާސީ “ބޭފުޅުންނަށް” ހާއްސަ އިނާޔަތްތަކެއްނެތި އާންމުންނެކޭ އެއްބީދައިން އަމަލުކުރާތީ އެކަމުގެމައްޗަށެވެ. އާންމު ބަތަލުން ނިކަމެތި ހާލުގަ ޖަލުގައި ހުރިހާ ދުވަހެއް ގުނަމުންދިޔައިރު، ސިޔާސީ ބައެއް “ބޭފުޅުން” ރޯދަމަހާދިމާކޮށް ގޭބަންދަށް ބަދަލުކުރެވިފައިވެއެވެ. އަދި ސިއްހީ ފަރުވާއަށް ގިނަދުވަސްތަކަކަށް މާލެގެނެވި، ރާއްޖެއިންބޭރަށް ދިޔުމުގެ ފުރުސަތު ލިބިފައިވެއެވެ.

އިންސާނި ހައްގުތަކުގެ ބަހުރުވައިން ދައުލަތުގެ އަމަލުތައް ކުށްވެރިކުރި ބައެއްމީހުންވެސް އެވާހަކަތައް ބިނާކުރަމުންއައީ ސިޔާސީ “ބޭފުޅުން” ތަހައްމަލުކުރަންޖެހުނު އާންމުމީހާގެ ދިރިއުޅުން މައްސަލައެއްގެގޮތުގައި ހަދައިގެންނެވެ. އާޚިރުގަ ފެނިގެންމިދިޔައީ އާންމު މީހާއަށް އެއްވެސް ސަމާލުކަމެއް ނުދެވުނުތަނެވެ. ފްރީ އެވެނި މީހެއް، ފްރީ މިވެނި މީހެއް ހިމެނޭ އެތަކެއް ހޭޝްޓެގްތަކެއް ސޯޝަލް މީޑިއާގައި އުފަންވިއިރު، މޭޑޭގެ ބަތަލުންގެ ހޭޝްޓެގްތަކެއް ނުފެނެއެވެ. އަބްދުﷲ މަރުވުމުގެ ކުރީގައި އޭނަގެ ސިއްހަތާގުޅޭ އެއްވެސް ވާހަކައެއް މީޑިއާއަކަށް ތިލައެއްނުވެއެވެ. އެބަލިހާލުގަ އަބްދުﷲ މަރުވެގެން ދިޔުމުން ސިޔާސި “ބޭފުޅުން” އެމަރު ކުށްވެރިކޮށް، ދައުލަތަށް ނަފުރަތު އަމާޒުކޮށްލިއިރު މި “ބޭފުޅުންގެ” އަމަލުތަކާމެދު އަމިއްލަނަފުސާ ސުވާލުނުކުރާކަމުގައި ގަބޫލުކުރެވެއެވެ.

ހުރިހާ އެއްމެނަށްވެސް އެއް ހައްގުތަކެއް ލިބެންޖެހޭކަމަށް ވަކާލާތުކުރާއިރު، އެކިމީހުންނަށް ހައްގުތަކަށް ވާސިލުވުމުގައި ހުރިފުރުސަތުތައް ތަފާތުކަން، މިއީ އަބްދުﷲގެ މަރުން އަހަރެމެން އެންމެންވެސް ލިބިގަންނަންޖެހޭ ފިލާވަޅެކެވެ. ގާސިމް އިބްރާހީމަށް ސިންގަޕޫރަށް ބޭސްފަރުވާއަށް ދެވޭވަރަށް ސިޔާސީ “ބޭފުޅުން” އެކި ގޮތްގޮތުން ސަރުކާރަށް ޕްރެޝާކުރިއިރު، ބަތަލުންގެ ގޮތުގަ ސިފަކުރި އާންމުންގެ ހާލަތުކޮބައިތޯ ރަގަޅަށް ބަލާވެސްނުލެވޭކަން، އަބްދުﷲ މަރުވުމުގެ ހާދިސާއިން ވަރަށްސާފުކޮށް ހާމަވެގެންދެއެވެ. މިކަން ގުޅިލާމެހިފައިއޮތީ ދިވެހިރާޖޭއްގެ އެތައް ސަތޭކަ އަހަރެއްވީ ސިޔާސީ ވައްޓަފާޅިއާއެވެ. މިވައްޓަފާޅިއަކީ، “ބޭފުޅުންގެ” ބޭނުންތައް ފުރިހަމަވުމުން އޭގެފަހުގައި އާންމުމީހާގެ ބޭނުންތަކަށް ނަޒަރުހިންގާ އުސޫލުވެ. “ބޭފުޅުން” ކައި ބަނޑު މުއްތިކުރުމަށްފަހު، އާންމުމީހާ ބަނޑުހައިތޯބަލާ ނިޒާމެވެ. މިކަން ބަދަލުކުރެވޭނީ އާންމުންގެ ފަރާތުން އަންނަ ވަރުގަދަ ބަދަލަކާއެކީގައެވެ. މިބުނި ސިޔާސީ ވައްޓަފާޅި އެކީއެކައްޗަކަށް ފުނޑާލައިގެންނެވެ.

Leave a Reply

Your email address will not be published. Required fields are marked *