ސިޔާސީ މަސްރަހުގަ މިވަނީ ކިހިނެއް؟

Square
ސިޔާސީ މަސްރަހުގަ މިވަނީ ކިހިނެއް؟ދިވެހިރާއްޖޭގެ ސިޔާސީ މަސްރަހު މިވަނީ އަނެއްކާވެސް ހަލަބޮލިވެ، ވާނުވާ ނޭގުމެއްގެ ތެރޭގައެވެ. އަނެއްކާވެސްއޭ މިފާހަގަކުރީ 2008 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށްފަހު ގިނަގުނަ ހަލަބޮލި ދުވަސްވަރުތަކެއް ރާއްޖެ ދެކެފައިވާތީއެވެ. 2012 ވަނަ އަހަރުގެ ކުރީކޮޅު ހޫނުވެގެން ދިޔަ ހަލަބޮލިކަމާއި، އޭގެފަހުން 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ވަށައިގެން ހިނގައިދިޔަ ހަލަބޮލި ދުވަސްތަކަކީ ފާހަގަކޮށްލެވޭ ތާރީހީ ދުވަސްވަރުތަކެކެވެ. ވާނުވާ ނޭގުމެއްގެ ތެރޭގައޭ މިފާގަކުރީ ހިތު ލަފަޔަށްވެސް ދެންވާނެގޮތެއް ސާބިތުކަމާއެކީ ބުނެލަން ނޭގޭތީއެވެ. 2012 ވަނަ އަހަރުގެ ހަލަބޮލިކަމުގެ ތެރެއިން ރާއްޖޭގެ ފުރަތަމަ ޑިމޮކްރަޓިކް އިންތިހާބުން އިންތިހާބުވި ރައީސް މުހަންމަދު ނަޝީދު (އަންނި) އިސްތިއުފާދިނީއެވެ. އެތައްބަޔަކު ކުޑަކޮށްވެސް ހީކޮށްގެންތިބި ކަމެއްނޫނެވެ. 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ފުރަތަމަބުރު އެކީގައި ބާތިލުކަމަށް ސުޕްރީމް ކޯޓުން ކަނޑައެޅުން، އެވެސް އެތައްބަޔަކު ކުޑަކޮށްވެސް ހީކޮށްގެންތިބި ކަމެއްނޫނެވެ. މިކަންކަމުގެ ތެރެއިން މުހިންމު ކަމެއްގެ ގޮތުގައި ފާހަގަކޮށްލަންޖެހޭ އެއް ނުކުތާއަކީ، ދިވެހިރާޖޭގެ “ޑިމޮކްރަޓިކް-އީރާ” ގައި އާންމުމީހާގެ ނިންމުންތަކުގެ މައްޗަށް ތަފާތުއެކި ނުފޫޒުތައް އަތް ގަދަކޮށްފައިވާކަމެވެ.

ސުޕްރީމް ކޯޓުގެ އަމުރު

މިހިނގަމުންދާ ފެބްރުއަރީ މަހުގެ 1 ވަނަ ދުވަހު ދިވެހިރާއްޖޭގެ ސިޔާސީ މަސްރަހަށް ސިހުމެއް ލިބިގެންދިޔައީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ނެރުނު އަމުރާގުޅިގެންނެވެ. މިއަމުރުގައިވަނީ ޖަލުހުކުމް އިއްވާފައިވާ 9 “ސިޔާސީ” ކުށްވެރިޔަކު، އެމީހުންގެ މައްސަލަ ބަލާފައިވަނީ ދިވެހިރާއްޖޭގެ ގާނޫނުއަސާސީއާއި، ދިވެހިރާއްޖެ ބައިވެރިވެފައިވާ ބައިންލައަގުވާމީ މުއާހަދާތަކާއި ހިލާފަށްކަމަށްވާތީވެ އެމީހުންގެ މައްސަލަ އަލުން ބެލުމަށްޓަކައި ވަގުތުން މިނިވަންކުރުމަށެވެ. އަދި ފްލޯރކްރޮސް ކުރުމާ ބެހޭގޮތުން ސްޕްރީމް ކޯޓުން ކުރީގައި ކޮށްފައިވާ ހުކުމް (ނަންބަރު 2017/SC-A/17) ބާތިލުވެއްޖެ ކަމަށެވެ. އަދި ފްލޯރކްރޮސް ކުރުމުގެ ސަބަބުން އިލެކްޝަންސް ކޮމިޝަނުން ގޮނޑިގެއްލިފައިވާކަމަށް ނިންމާފައިވާ 12 މަޖިލިސް މެންބަރެއްގެ ގޮނޑި ނުގެއްލޭކަމަށްވެސް މިއަމުރުގައިވަނީ ކަނޑައަޅާފައެވެ. މީގެ އިތުރުން މިއަމުރުގެ ތެރެއިން ސުޕްރީމް ކޯޓުންވަނީ އެކޯޓަށް ގިނަގުނަ ބާރުތަކެއްވެސް ކަނޑައަޅާފައެވެ. މިގޮތުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާބެހޭ އެއްވެސް މައްސަލައެއް އެޖެންޑާކޮށް ބެލުމުގެ އިހްތިސާސެއް ޖޫޑިޝަލް ސަރވިސް ކޮމިޝަނަށް ލިބިގެންނުވާ ކަމަށާއި، އެއްވެސް ކޯޓަކަށް ފަނޑިޔާރަކު ނުވަތަ އިސްފަނޑިޔާރަކުވިޔަސް އައްޔަންކުރެވޭނީ ސުޕްރީމް ކޯޓުގެ ހުއްދަ ލިޔުމުން ލިބިގެންކަމަށްވެސް ވަނީ ކަނޑައަޅާފައެވެ.

މިފަދަ ބާރުތަކެއް ސުޕްރީމް ކޯޓުން އަމިއްލައަށް ލިބިގަތުމަކީ، ޑިމޮކްރަޓިކް ނިޒާމެއްގައި އެއްބާރުން އަނެއްބާރު ހަމައިގައި ބެހެއްޓުމަށް އޮންނަ އިހްތިސާސަށް ހީނަރުކަން އަންނާނެކަމެކެވެ. އެހެންކަމުން ޑިމޮކްރަސީގެ އުސޫލުތަކުން މިނެކިރާކަމުގައިވަނީނަމަ ސުޕްރީމް ކޯޓުގެ އަމުރަކީ އޭގެ ސައްހަކަމާމެދު ފުންކޮށް ބަހުސް ކުރެވިދާނެ އަމުރެކެވެ. ފަހުގެ ތާރީހަށް ބަލާއިރުވެސް ސުޕްރީމް ކޯޓަކީ ދިވެހިރާޖޭގެ ގާނޫނުއަސާސީއާއި، ދިވެހިރާއްޖެ ބައިވެރިވެފައިވާ ބައިނަލްއަގުވާމީ މުއާހަދާތަކުގެ އަލީގައި ބަހުސް ކުރެވިދާނެ އެތަކެއް ނިންމުމެއް ނިންމާފައިވާ ކޯޓެކެވެ. ފާހަގަކޮށްލެވޭ އެއްމިސާލަކީ 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށްފަހު ސުއޮމޯޓޫ އުސޫލުން ސުޕްރީމް ކޯޓަށް މައްސަލަތައް ބެލިދާނެކަމަށް އެކޯޓުން އަމިއްލައަށް ކަނޑައެޅި އެޅުމެވެ. މިއުސޫލުގެ ދަށުން، 2014 ވަނަ އަހަރު އޭރުގެ އިލެކްޝަންސް ކޮމިޝަނުގެ މައްޗަށް ސުޕްރީމް ކޯޓުން ދައުވާއުފުލައި ހުކުމް އިއްވިއިއްވުމަކީ، އަދި އޭގެ ފަހުން ހިއުމަން ރައިޓްސް ކޮމިޝަންގެ މައްޗަށް މިއުސޫލުން ދައުވާކުރިކުރުމަކީ މިމިސާލުގެ ބައެއް ތަފްސީލެވެ. އަދި މިފަދަ ނިންމުންތަކަކީ މިއަދުގެ ސަރުކާރުންވެސް ބަލައިގަނެފައިވާ ނިންމުންތަކެކެވެ. މިފަދަ ޕްރިސިޑެންސް ތަކާއެކީ، ދިވެހިރާއްޖޭގެ މުއައްސަސާތަކުގެ ޑިމޮކްރަޓިކް ސައްހަކަމާއިމެދު އެތަކެއް ސުވާލެއް އެބަހުއްޓެވެ. އެހެންކަމުން ސުޕްރީމް ކޯޓުން ނެރެފައިވާ އަމުރާއި ގުޅިގެން، އަދި މިވަގުތު ސިޔާސީ މަޝްރަހަށް ދިމާވެފައިވާ ހަލަބޮލިކަމާއިގުޅިގެން ވިސްނަންވީ މިމައްސަލަތައް ހައްލުކުރުމަށް ކުރިއަށްދެވޭނެ މަގުތަކަކީ ކޮބައިތޯކަމެވެ.

ސަރުކާރުގެ ވިސްނުން

މީގެކުރިން ދަށު ކޯޓަކުންވިޔަސް، ސުޕްރީމް ކޯޓުންވިޔަސް ހުކުމެއް ނުވަތަ އަމުރެއް ކޮށްފިނަމަ، ސަރުކާރުންއައީ އެހުކުމެއް ނުވަތަ އަމުރެއް ތަންފީޒުކުރަމުންނެވެ. ދަންވަރު ނެރުނު އަމުރަކަސް ނުވަތަ ހަފުތާ ބަންދު ދުވަހެއްގެ ފަތިސްދަޅައިގަ ނެރުނު އަމުރަކަސް ސަރުކާރުގެ ފަރުވާލެއް ނެތެވެ. އެއަމުރެއް ތަންފީޒުކޮށް ބައެއްފަހަރު އުފަލުގައި ހަވާ އަރުވާފައިވެސް އެބަހުއްޓެވެ. ނަމަވެސް މިފަހަރުގެ އަމުރަކީ އެއަމުރެއްގެ ސަބަބުން ސަރުކާރުގެ ބޭނުންތަކަށް ބުރޫއަރާފަދަ އަމުރަކަށްވުމުން، އެއަމުރު ތަންފީޒުކުރުމަށް ސަރުކާރުންދަނީ ތަފާތު ސުވާލު ކުރިމަތިކުރުވަމުންނެވެ. މިގޮތުން ސާފުކުރަންބޭނުންވާ ކަންތައްތަކެއްގެ ވާހަކައާއި، “ޑިއު ޕްރޮސެސް” އެއްގެ ވާހަކައިން ސަރުކާރު އުޅެނީ ނައްޓާނުލެވިގެންނެވެ.

ސިޔާސީ މަންފާއަށް، އަދި ބާރު ދެމެހެއްޓުމަށްޓަކައި އެއްބާރު އަނެއްބާރުގެ މައްޗަށް އަތްގަދަ ކުރުމުގެ އަމަލުތަކާއި، ކޯޓު އަމުރުތަކަށް ތަބައު ނުވުމުގެ އުސޫލުތަކަކީވެސް މިއަދުގެ ސަރުކާރުން އެކަނި ކުރާ ކަމެއް ނޫނެވެ. މިގޮތުން 2008 ވަނަ އަހަރު އިންތިހާބު ކުރެވުނު ސަރުކާރުން، 2012 ވަނަ އަހަރުގެ ޖަނަވަރީމަހު އަބްދުﷲ ގާޒީ އުސޫލުން ބޭރުން ހައްޔަރު ކުރުމަކީ ތާރީހްގައި ފެވިގެންދާނެ އެއްމިސާލެވެ. އަދި މިކަމާއި ގުޅިގެން އޭރު ސުޕްރީމް ކޯޓުން އަބްދުﷲ ގާޒީ މިނިވަން ކުރުމަށް ހުކުމް ކުރުމުން، އޭރުގެ ސަރުކާރުން އެކަމާއި ދެކޮޅުހެދީ ތަފާތު އެކި ސަބަބު ދައްކަމުންނެވެ.

މިފަދަ ހާދިސާތަކުން ލިބިގަންނަންވީ އިބުރަތަކީ، ހަމަތަކާއި އުސޫލުތަކުގެ ބޭރުން އަމަލަކަށް ހުތްޖަތްދައްކާނަމަ އެއީ ކޮންމެ ބަޔަކަށްވެސް ކުރެވިދާނެ ކަމެއްކަމެވެ. އޭރުގެ ސަރުކާރުން ދެއްކި ހުއްޖަތަކީ އަބްދުﷲ ގާޒީ އަކީ މުޖުތަމައުއައް ހުރި ނުރައްކަލަކަށްވާތީވެ ކޮންމެ ގޮތަކުން ނަމަވެސް ހައްޔަރުގައި ބަހައްޓަންޖެހޭ ކަމެވެ. މިއަދު ސަރުކާރުން ދައްކާ ހުއްޖަތަކީ، ސުޕްރީމް ކޯޓުން އަމުރެއް ނެރުނުނަމަވެސް އެކަމުން ނިކުމެދާނެ ނަތީޖާއާއި، މެދު ވިސްނައި “ޑިއުޕްރޮސެސް” އަށް ރިއާޔަތްކުރަންޖެހޭ ކަމެވެ. ނަމަވެސް ކޮންމެ ސަރުކާރަކުންވެސް ހިންގަމުން މިދަނީ ޑިމޮކްރަޓިކް އުސޫލުތަކާއި ހިލާފު، އިންސާނީ ހައްގުތަކާއި ހިލާފު އަމަލުތަކެވެ.

އަދި އެންމެފަހުން މިވަނީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް، ސުޕްރީމް ކޯޓަށް ގަދަކަމުންވަދެ، އެ ކޯޓުގެ އިސްފަނޑިޔާރާއި އިތުރު ފަނޑިޔާރަކު ހައްޔަރުކޮށްފައެވެ.

މިހުރިހާ އަމަލުތަކެއްވެސް ވޭތުވެދިޔަ ސަރުކާރުތަކުން، އަދި މިއަދުގެ ސަރުކާރުންވެސް މިހާތަނަށް ކުރަމުންއައީ ޑިމޮކްރަސީއާއި އިންސާނީ ހައްގުތަކާއި ގާނޫނީ ވެރިކަމުގެ ބަހުރުވައިގެ ތެރެއިން “ސައްހަކަން” ހޯދައިގެންނެވެ. ނަމަވެސް މިއަދު، ސައްހަކަމުގެ ފަށަލަ ތުނިވެ ސަރުކާރުގެ ހުދުމުހުތާރު ސިފަތައް މިދަނީ ސާފު ސީދާ ސާދާކޮށް ފެންނަމުންނެވެ. ސަރުކާރުންވަނީ ސިފައިންނާއި ފުލުހުންގެ އެހީތެރިކަމާއެކީ ރައްޔިތުންގެ މަޖިލިސް އެމުއައްސަސާގެ މަސްއޫލިއްޔަތު އަދާނުކުރެވޭނެ ފަދަ ހާލަތަކަށް ގެނެސްފައެވެ. އަދި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް، އެތަކެއް އިންސާނީ ހައްގުތަކެއް ހިފަހައްޓައި، ސުޕްރީމް ކޯޓުގެ 2 ފަނޑިޔާރަކު ގަދަކަމުން ހައްޔަރުކޮށް ކޯޓުތަކުގެ މައްޗަށްވެސް ސަރުކާރުން މިވަނީ ގަދަވެގަނެފައެވެ. މިހެންކަމުން ދައުލަތުގެ ތިންބާރުގެތެރެއިން، ސަރުކާރު މިވަނީ އަނެއްދެބާރުގެ މައްޗަށް ހައްދެއްނެތް މިންވަރަށް ގަދަވެގަނެފައެވެ.

މީގެމާނައަކީ ކޮބާ؟

2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ތެރޭގައި ސުޕްރީމް ކޯޓުގެ ދައުރު ބޮޑުވެ، އިންތިހާބުގެ ފުރަތަމަބުރު ކޯޓުން ބާތިލުކުރި ހިސާބުންފެށިގެންވެސް އާންމު ރައްޔިތުންގެ ނިންމުމުގެ މައްޗަށް އެހެންނުފޫޒުތައް އަތްގަދަ ކޮށްފައިވާކަން އޮތީ ހާމައަށް ފެންނާށެވެ. މިފަދަ އެކި ސަބަބުތަކާހެދި ސަރުކާރުގެ ޑިމޮކްރަޓިކް ސައްހަކަމާމެދު އޮތީ ސުވާލު އުފެދިފައެވެ. ނަމަވެސް މިއަދު ފެންނަމުންމިދަނީ ސަރުކާރުން ފުލުހުންނާއި ސިފައިންގެ ބާރުގައި ދައުލަތުގެ އެންމެހާބާރުތަކެއް މުށުތެރެއަށްލާތަނެވެ. ޑިމޮކްރަސީއެއްގެ އެންމެ މުހިންމު އެއް އަސާސު ކަމުގައިވާ ބާރުތައް ވަކިކުރުމުގެ އަސާސު އެކީ އެކައްޗަކަށް މިވަނީ ހީނަރުވެފައެވެ. ކޯޓުތަކާއި، އަދި ވަކިން ހާއްސަކޮށް ރައްޔިތުންގެ މަޖިލިސް މިއޮތީ މަސްއޫލިއްޔަތު އަދާނުކުރެވޭފަދަ ދަރަޖައަކަށް ތިރިކޮށްފައެވެ. މިހެންކަމުން ޑިމޮކްރަސީގެ ހަމަތަކާއި އުސޫލުތަކަށް ބަލާއިރު ދިވެހިރާއްޖޭގައި މިވަގުތު މިއޮތީ ޑިމޮކްރަސީއެކޭ ބުނަން އުދަގުލެވެ.

އޭގެބަދަލުގައި ފެންނަނީ “އެގްޒެކަޓިވް-ކޫ” އަކާ ދިމާލަށް ދީލާލާތަނެވެ. މާނައަކީ “ސައްހަ” މަގަކުން ވެރިކަމަށް އައުމަށްފަހު ސަރުކާރުން ދައުލަތުގެ އެންމެހައި ބާރުތައް މުށުތެރެއަށްލައި ވެރިކަން ހިންގުމެވެ. ސީދާ ޑިކްޓޭޓާޝިޕަކަށް މިސްރާބު ޖަހާފައިވާތަނެވެ. ޑިމޮކްރަޓިކް އަދި ގާނޫނީ ސައްހަކަންވެސް އެކީއެކައްޗަކަށް ގެއްލުމެވެ. މިހެންކަމުން މިއަދުގެ ސަރުކާރަކީ ސައްހަ ސަރުކާރެއްކަމުގައި ބެލޭނެ ގޮތެއް އޮތްކަމަކަށް ނުދެކެމެވެ.

މިހާރުމިވަނީ ކިހިނެއް؟

މިއަދުގެ ސަރުކާރުން ބޭނުންކުރާ އެއްބަހުރުވައަކީ ދިވެހިރާއްޖެ ސިންގަޕޫރަކަށް ހަދާނެކަމުގެ ވާހަކައެވެ. މިވާހަކައިގެ އެއްވިސްނުމަކީ އުމުރާނީ ތަރައްގީގެ ވާހަކައެވެ. ހަމަމިއާއެކު މިކަމުގެ ފަހަތުގައިވާ ދެވަނަ ވިސްނުމަކީ، އަމަލާއި ބަހުންވެސް ހާމަވާފަދައިން، ސަރުކާރުގެ ބާރު ގަދަކޮށްލުމެވެ. މާނައަކީ ސަރުކާރާ އިދިކޮޅު އެންމެހައި އަޑުތައް އެކީއެކައްޗަކަށް ކަނޑުވާލުމެވެ. 2012 ވަނަ އަހަރު، ޕްރޮފެސަރ ޖިންސްބާރގ، ދިރާސާއަކަށްފަހު ތިންގޮތަކަށް ދިވެހިރާއްޖޭގެ ހާލަތު ހިނގައިދާނެކަމަށް ލަފާކޮށްފައިވެއެވެ. އެއީ؛

1 – cycle of failed governments
2 – dominance of a hegemonic faction
3 – constitutional democracy

ސަރުކާރުގެ މިސްރާބު ހުރީ މިތަނުން ދެވަނަ ގޮތާއި ދިމާލަށެވެ. ނަމަވެސް، ޖިންސްބާރގ ފާހަގަކޮށްފައިވާގޮތުގައި މިފަދަ ބާރެއް ނުވަތަ ހެޖެމަނީ އެއް ސީދާ ބާރު ބޭނުންނުކޮށް އުފެއްދުމަކީ ނާދިރުކަމެކެވެ. ގާނޫނީ ބަހުރުވައިގެ ތެރެއިން އިދިކޮޅު ހުރިހާއެންމެން އެކި ގޮތްގޮތުން އެކަހެރިކުރުމަށް ސަރުކާރުން ކުރަމުންއައި މަސައްކަތް ކާމިޔާބުނުވެ… ސައްހަނޫން އުސޫލުތަކުގެ ތެރެއިން ދައުލަތުގެ އެހެންބާރުތަކުގެ މައްޗަށް ނުފޫޒުފޯރުވުމުގެ އަމަލުތައް މިއަދު ވަރަށް ސާފެވެ. ކުރިންވެސް ފާހަގަކޮށްލިހެން ސިފައިންނާއި ފުލުހުންގެ އެހީތެރިކަން ލިބިގެންނެވެ. މިފަދަ ބާރުވެރިކަމެއް ސަރުކާރުން މުށުތެރެއަށްލައިގަތުމަކީ ދިވެހިރާއްޖޭގެ ޑިމޮކްރަޓިކް ކުރިމަގަށް އެޅިގެންދާ ވަރުގަދަ ހުރަހަކަށް ނުވާނެހެއްޔެވެ؟

އިދިކޮޅު ސިޔާސީ ފަރާތްތަކުން މިވަގުތު ފޫގަޅާފައި އޮތީ ސުޕްރީމް ކޯޓުގެ އަމުރު ތަންފީޒުކުރުމަށް ސަރުކާރަށް ބާރުއެޅުމަށެވެ. ރައްޔިތުންގެ މަޖިލިހުގެ ރައީސްކަން ކުރީގައި ކޮށްފައިވާ އަބްދުﷲ ޝާހިދު ބުނެފައިވަނީ މަރިޔަމް މަލެއް ގެނެސް މަރިޔަމް ސޫރަތް ކިޔަވައިގެން ނަމަވެސް ސުޕްރީމް ކޯޓުގެ އަމުރު ވިއްސާނެކަމަށެވެ. ނަމަވެސް ވިއްސުމުގެކުރިން ވިސްނާލަންޖެހޭ ކަމަކީ، އެ އަމުރެއްގެ ސައްހަކަމާމެދު އެތަކެއް ސުވާލެއް އުފެދޭ އަމުރެއް ތަންފީޒުކުރަން ގޮވުމުގެ ނަތީޖާއަކީ ކޮބައިކަމާމެދުގައެވެ. އަދި މިއަމުރު ތަންފީޒުކޮށްފިނަމަ ދިވެހިރާޖޭއްގެ ސިޔާސީ ކުރިމަގު ދެން ބައްޓަންވެގެންދާނެ ގޮތަކީ ކޮބައިބާވައެވެ؟ ސުޕްރީމް ކޯޓުން އަމިއްލައަށް ނަގާފައިވާ ބާރުތަކުގެ އަލީގައި، މި އަމުރުގައި ސައްހަކަމުގެ ސިއްކަޖެހުމަކީ ބިރުވެރި ކަމެއްކަމުގައި ނުފެނޭހެއްޔެވެ؟

ދެންވާންވީ ކިހިނެއް؟

މިއީ ބޮޑު ސުވާލެކެވެ. ޖިންސްބާރގެ ތިންވަނަ ލަފާއަކީ ދުސްތޫރީ ރަގަޅު ނިޒާމެއް ރާއްޖޭގައި ގާއިމުވެގެން ދިޔުމެވެ. މިއީ ތިން ގޮތުގެ ތެރެއިން ވުން އެންމެ ނާދިރު ގޮތްކަމަށް ޖިންސްބާރގ ފާހަގަކޮށްފައިވެއެވެ. އެއީ މިކަން ހާސިލުކުރުމައި ދިވެހިރާއްޖޭގެ ސިޔާސީ ވައްޓަފާޅިއަށް ބޮޑެތި ބަދަލުތަކެއް އައްނަންޖެހޭތީއެވެ. ސިޔާސީ ވެރިންގެ ފަހަތުގައި އެނބުރޭ ސިޔާސީ ޕާޓީތައް އެކަން ބަދަލުކޮށް ސިޔާސަތުތައް ކުރިއަށް ނެރެންޖެހެއެވެ. އަދި ޑިމޮކްރަޓިކް ގޮތްނިންމުމުގެ އަސާސަކީ ރަގަޅު ސިޔާސަތުތައް ކަމުގައި ވާންޖެހެއެވެ.

މިއަދު ޑިމޮކްރަސީކުރިއެރުވުމަށް މީހުން ޖަމާކުރުމުގައި (moblize) އިދިކޮޅުފަރާތްތަކުން ގެންގުޅޭ ބަހުރުވަ ތަކަކީ އަންނި މިނިވަންކުރުމާއި، ގާސިމާއި، ފާރިސް އަދި އިމްރާނު މިނިވަންކުރުމުގެ ވާހަކައެވެ. އަދި މިއަދުގެ ސަރުކާރު ވައްޓާލުމުގެ ވާހަކައެވެ. މިބަހުރުވަތަކުގެ ތެރޭގައި މީހުން އެއްކުރުމުގައި ދަތިތަކެއް އެބަހުރިކަން ފެންނަ މަންޒަރުތަކުން ވަރަށްސާފެވެ. މީހުން އެއްނުކުރެވުމުގައި އިތުރު ސަބަބުވެސް ހުރުން އެކަށީގެންވެއެވެ. އަނިޔާލިބޭކަށް އެއްވެސް މީހަކު ބޭނުމެއް ނުވާނެއެވެ. އަދި ރައްޔިތުންގެ މަޖިލިހުގައި ސަރުކާރުގެ މެޖޯރިޓީއޮތްއިރު އެމަޖިލިހުންވަނީ އެއްވެ އުޅުމުގެ މިނިވަންކަން އެކުއެކީގައިހެން ނިގުޅައިގަނެފައެވެ. އެހެންކަމުން އެއްވާ ބަޔަކަށް ޖިސްމާނީ އަނިޔާލިބުމުގެ ބިރާއެކީ ގާނޫނީ ހުރަސްތަކެއްވެސް އެބައޮތެވެ. ނަމަވެސް މިއީ ހަމައެކަނި ސަބަބުތައް ނޫންކަން އެނގޭ ހެކިތައް އެބަހުއްޓުވެ.

2008ގެ ކުރީގައި އެއްވެއުޅުމުގެ މިނިވަންކަމަކީ ގާނޫނީގޮތުން އޮތް ހައްގެއް ނޫނެވެ. އެހެންކަމުން މިއަދަށްވުރެވެސް ގާނޫނީ ތާށިކަން ބޮޑެވެ. އަދި އޭރުގަވެސް މީހުންދިޔައީ ލިބެމުންދިޔަ އަނިޔާތަކާ އެކީގަވެސް އެއްވަމުންނެވެ. އެއްސަބަބަކީ އޭރު އޭގެވަށައިގެން މީހުން ޖަމާވި ބަހުރުވަތަކަކީ މުހިންމު ބަހުރުވަ ތަކަކަށް ވާތީވެއެވެ. އޭރު އެންމެ ހަރުއަޑުން ދެކެވުނު ވާހަކަތަކަކީ ޑިމޮކްރަސީއާއި އިންސާނީ ހައްގުތަކުގެ ވާހަކައެވެ. އޭރުގެ ހާލަތަށް ބަލާއިރު އިންތިހާއަށް މުހިންމު އަދި ބޭނުންތެރި ބަހުރުވަތަކެކެވެ. އަދި އޭރުކުރެވުނު ހިތްވަރާއެކީ 30 އަހަރުގެ ދިގު ވެރިކަމެއް ބަލިކޮށްލެވުން އެއީ ޑިމޮކްރަސީއަށް ދިވެހިރާއްޖެ ކުރިދަތުރުގައި މުހިންމު ފިޔަވަޅެކެވެ. ނަމަވެސް ވިސްނާލަންވީ އަނެއް ނުކުތާއަކީ އެއަށްފަހު، މިއަދު މިއޮތްހާލަތައް ދިވެހިރާއްޖެ އައި ސަބަބުތަކަކީ ކޮބައިތޯއެވެ! މިއީ ދިގު ވާހަކައެއް ކަމުން، އެހެން ލިޔުމެއްގައި އެވާހަކަތައް ލިޔަން ހިތުލައި މިވަގުތަށް މިވާހަކަ ކުރުކޮށްލާނަމެވެ.

އިދިކޮޅުފަރާތްތަކުން މިއަދު މީހުން ޖަމާކުރުމުގައި ގެންގުޅޭ ބަހުރުވަ ބަދަލުކުރުމަކީ ވަގުތުން ވަގުތަށް ކުރަން ކޮންމެހެން މުހިންމު ކަމެކެވެ. އެއީ 2008 އަދި 2012 އިގެ ތަޖުރިބާގެ އަލީގައެވެ. ސިޔާސީ ނިންމުންތަކުގެ މުގުލުގައި ވާންވީ އާންމުމީހާގެ ބޭނުންތަކެވެ. ސިޔާސަތުތައް ބިނާވާންވީވެސް އާންމުމީހާގެ ބޭނުންތަކަށް ރިއާޔަތް ކޮށްގެންނެވެ. ސިޔާސީ ބޮޑެތި ބަދަލުތަކަކީވެސް އާންމުމީހާގެ ބޭނުންތަކަށް ރިއާޔަތް ކުރެވިގެން ގެނެވޭ ބަދަލުތަކަކަށް ވާންޖެހެއެވެ. މިގޮތުން އިޖްތިމާއީ އިންސާފު، ބޯހިޔާވަހިކަން، ރަގަޅު ސިއްހީ ފަރުވާ، މިފަދަ އެންމެހައި ކަންކަން މިއީ އާންމުން ޖަމާކުރުމުގެ މުގުލު ބަހުރުވަ ކަމުގައި ވާންޖެހެއެވެ. ޑރ. އަފްރާޝީމްގެ މަރާއި، ރިލްވާން ވަގަށްނެގުމާއި، އަދި ޔާމީނު މަރާލުމުގެ ފަހަތުގައިވާ ސަބަބުތަކާއި އެހާދިސާތަކުގެ ފަހަތުގައި ތިބިބަޔަކު ހޯދައި ހާމަކުރުމަކީވެސް ފަހުންކުރަން ބަހައްޓަންވީ ކަންކަމެއްނޫނެވެ.

ސިޔާސީ ބޮޑުބަދަލަކަށްފަހު، އޭގެފަހުން އާންމުމީހާގެ ބޭނުންތަކަށް ރިއާޔަތް ކުރަން މަޑުކުރާނަމަ، އެންމެ ގާތީ ޖިންސްބާރގ ލަފާކޮށްފައިވާ ފުރަތަމަ ނުވަތަ ދެވަނަ ގޮތުގެ ތެރޭގައި ތާށިވެފައިތިބުމެވެ… މިފަދަ ހައިޖާނުގަނޑެއްގެ ތެރޭގައި ތާއަބަދު އުޅުމަކީ އެއްވެސް މީހަކު ބޭނުންވާނެ ކަމެއްނޫނެވެ. ނަމަވެސް ދުސްތޫރީ ހެޔޮ ވެރިކަމެއް އޭގެ ފުރިހަމަ މާނާގައި އުފެއްދޭނީ، މިހާރުގެ ސިޔާސީ ވައްޓަފާޅި އެކީގައި ބަދަލުކޮށްގެންނެވެ. ސިޔާސީ “ބޭފުޅުން” ދައްކާމަގުން އާންމުން ހިނގަންޖެހޭ އުސޫލު ބަދަލުވެގެންނެވެ. މިލިޔުން ފަށަމުންވެސް ފާހަގަކުރިހެން، އާންމުންގެ ނިންމުންތަކުގެ މައްޗަށް ގަދަވެގަންނަ އެހެނިހެން ނުފޫޒުތަކެއް ވާކަމީ ވަރަށްސާފުކޮށް ފެންނާންއޮތް ހަގީގަތެކެވެ. ސިޔާސީ ނިންމުންތައް މިއަދު ބައްޓަންވެގެން މިދަނީ، އަދި ސިޔާސަތުތައް ބައްޓަން ވެގެން މިދަނީ ފައިސާގެ ނުފޫޒުން ތަގައްޔަރު ވެގެންނެވެ. ސިޔާސީ “ބޭފުޅުން”ނާ ފައިސާގެ ނުފޫޒު ގުޅިފައޮތީ އިންތިހާ ދަރަޖައަށެވެ. އާންމުމީހާގެ ނުފޫޒު އެހެން ހުރިހާ ނުފޫޒެއްގެ މައްޗަށް ގަދަނުވެ ރަގަޅު ނިޒާމެއް ގާއިމުވުމަކީ ނާދިރުކަމެކެވެ.

ނޯޓު: މި ލިޔުން ފުރަތަމަ ޝާއިއުކޮށްފައިވަނީ ވީއެފްޕީގައެވެ

Leave a Reply

Your email address will not be published. Required fields are marked *