ހިޖާބް: އެޅުމާއި ނޭޅުމުގެ އިޚްތިޔާރު

Square
އއ. މަތިވެރީ ސްކޫލްގައި ކިޔަވައިދެމުންދިޔަ އައިޝަތް ސުޒީއަށް މޫނުބުރުގާ އަޅައިގެން ސްކޫލަށް ނާދެވޭނެކަމަށް އެޑިއުކޭޝަން މިނިސްޓްރީއިން އެންގީ ޖަނަވަރީ 2017އިގައެވެ. މިއެންގުމާގުޅިގެން ކިޔަވައިދިނުމުގެ ޒިންމާއިން ސުޒީ ދުރުވާން މަޖުބޫރުވެ، އޭގެފަހުން އެއަހަރުގެ އޮގަސްޓްމަހު ސުޒީވަނީ ވަޒީފާއިން ވަކިކޮށްފައެވެ. ސިވިލް ސާވިސް ކޮމިޝަނުން ހުއްޖަތެއްގެ ގޮތުގައި ފާހަގަކޮށްފައިވަނީ ސިވިލް ސާވިސްގެ ގަވާއިދުތަކާ ސުޒީ ހިލާފުވެފައިވާ ކަމަށެވެ. މިހާދިސާއަކީ މޫނުބުރުގާ އަޅާ މީހެއްގެ ގިނަ ހައްގުތަކެއް ނިގުޅައިގަތް ފުރަތަމަ ފަހަރެއް އަދި ފަހު ފަހަރެއްވެސްނޫނެވެ. ސެޕްޓެމްބަރ 2011ވަނަ އަހަރު، ކުއްލިއްޔަތުލް ދިރާސަތުލް އިސްލާމިއްޔާގެ ޝަރީއާ އެންޑް ލޯ ފެކަލްޓީގެ ދަރިވަރަކު މޫނުބުރާ އަޅައިގެން ކިލާހަށް ހަޒިރުވާތީވެ، މޫނުބުރުގާ ނަގައިގެން ކިލާހަށް އައުމަށް އެތަނުގެ އޭރުގެ ރެކްޓާ ވަނީ ނަސޭހަތް ދީފައެވެ. އަދި ޖަނަވަރީ 2012ގައި އެދަރިވަރު މޫނުބުރުގާ އަޅައިގެން ކިލާހަށް އައުމުން، ކިލާހުން ނުކުތުމަށްވަނީ އަންގާފައެވެ.
މިދުވަސްވަރު މީސްމީޑިއާގައި އެންމެގަދަޔަށްދެކެވޭ އެއްވާހަކައަކީ ނަސް ޑެއިލީގައި ޝާއިއުކޮށްފައިވާ ވީޑިއޯއެއްގެ ވާހަކައެވެ. މިވީޑިއޯއިން ދައްކުވައިދެނީ ބުރުގާއަޅާ ދިވެހި އަންހެނެއްގެ ވާހަކައެވެ. މުޖުތަމައުގެ ސަބަބުން ބުރުގާއަޅަން އޭނައަށް މަޖުބޫރުވިވާހަކައާއި، އަދި ބުރުގާ ނަގަން ބޭނުންވިނަމަވެސް މުޖުތަމައުއިން ކުރިމަތިވެދާނެ ގޮންޖެހުންތަކެއްގެ ސަބަބުން ބުރުގާ ނުނެގިފައިވާ ވާހަކައެވެ. މިވީޑިއޯ ގެނެސްދީފައިވާގޮތުން، މިއީ ދިވެހިރާއްޖޭގެ އާންމު ހާލަތުކަމުގައި ސިފަކޮށްދީފައިވެއެވެ. އަދި އެއީ ބުރުގާއަޅާ ދިވެހި އެތަކެއް އަންހެނުންގެ ހާލަތުކަމުގައި ބަޔާންކޮށްފައިވެއެވެ.މިހާދިސާތަކުގެ އަލީގައި ފާހަގަކުރެވޭ މުހިންމު އެއްކަމަކީ ބުރުގާއެޅުމުގެ ތަޖުރިބާ އެކިމީހުންނަށް ތަފާތުކަމެވެ. އިސްވެބުނެވުނު ވީޑިއޯއާގުޅިގެން މީސްމީޑިއާގައި އެކި އަންހެނުން ހިއްސާކޮށްފައިވާ ޝުއޫރުތަކަށް ބަލާލުމުންވެސް މިކަން ވަރަށް ސާފެވެ. ބުރުގާ އެޅުމުން ސަތަރި އޮޑި އަދި ބްލެކް ނިންޖާފަދަ ނަންތަކުން ގޮވައި ފުރައްސާރަ ކުރިމަތިވި މީހުންނާއި، ބުރުގާ އެޅުމަށް މަޖުބޫރުވި މީހުންނާއި، ބުރުގާ ނެގުމުން ފުރައްސާރަ ކުރިމަތިވި މީހުންނާއި، އަދި ބުރުގާ އެޅުމުގައިވެސް އަދި ނެގުމުގައިވެސް އެއްވެސް މަޖުބޫރެއް، ފުރައްސާރައެއް ކުރިމަތި ނުވާ މީހުން — އެމީހުންގެ ތަޖުރިބާތައް ހިއްސާކޮށްފައިވެއެވެ. މިހެންކަމުން މޫނުބުރުގާ އަޅާމީހުން ވަޒީފާއިން ވަކިކޮށް އެތަކެއް އިންސާނީ ހައްގުތަކަކުން މަހުރޫމުކުރުމުން އެއީ ރާއްޖޭގެ އާންމު ހާލަތޭ ބުނެވޭނެ، ނުވަތަ ބުރުގާ ނަގަން ބޭނުންވެ އެކަމަށް ގޮންޖެހުން ކުރިމަތިވުމުން އެއީ ރާއްޖޭގެ އާންމު ހާލަތޭ ބުނެވޭނެ، ނުވަތަ ބުރުގާ އަޅަން މަޖުބޫރުވުމުން އެއީ ރާއްޖޭގެ އާންމު ހާލަތޭ ބުނެވޭނެ ހަމައެއް ނެތެވެ. މިކަމަކީ ހުދާއި ކަޅަށްވުރެ ގިނަ ކުލަތައް ހިމެނޭ އަދި ގިނަ ބަހުރުވަތަކާއި، ޝުއޫރުތަކާއި، އިހުސާސްތަކާއި، ތަޖުރިބާތައް ހިމެނޭ މައްސަލައެކެވެ.

މިފަދަ ހާދިސާތަކުގެ ބޭނުން ނަހަމަގޮތުގައި ހިފައި، ވަކި ދީނީ ނުވަތަ އަލްމާނީ/ ސެކިއުލާ ނުވަތަ އެނޫންވެސް ފިކުރެއްގެ އަލީގައި އާންމު ހާލަތެއް ދައްކުވައިދޭން ނުވަތަ ކުރިއަރުވަން މަސައްކަތްކުރާ ކުރުމަކީ އަންހެނުންގެ އަމިއްލަ އިހްތިޔާރަށް ނުފޫޒުފޯރުވުމަށް އިތުރުކުރެވޭ ބޮޅެކެވެ. އަންހެނުންގެ އިހްތިޔާރަކީ ދައުލަތުން ނުވަތަ މުޖުތަމައުގެ ވަކި ފިކުރުތަކަކުން ބައްޓަންކުރާ ކަމަކަށް ވާނަމަ މުޖުތަމައުގައި ހަމަނުޖެހުންބޮޑުވެ ބައިބައިވުމަށް މަގުފަހިވުމަކީ ނުވެނުދާނެކަމެކެވެ. ދިވެހިރާއްޖެއަކީ “އެއްބައެއްވަންތަ” މުޖުތަމައުއެކޭ ބުނިނަމަވެސް، ދިވެހިރާއްޖޭގައި އުޅޭ ދިވެހިންނަކީ ތަފާތު ވިސްނުންތަކާއި ހިޔާލުގެ މީހުންނެވެ. ތަފާފު ބޭނުންތަކަށް އެދޭ ތަފާތު މީހުންނެވެ. ވަކިބަޔަކު ބޭނުންވާ އެއްގޮތަކަށް މުޖުތަމައު ބައްޓަންކުރަން މަސައްކަތްކުރުމުގެ ބަދަލުގައި، ތަފާތު ހިޔާލާއި ފިކުރު ބަލައިގަންނަ، ޓޮލަރެންޓް، މުޖުތަމައުއެއް ބިނާކުރުމަކީ ވަކިވަކި ފަރުދުންގެ އަދި މުޖުތަމައުގެވެސް މަސްލަހަތު ހިމާޔަތްކުރެވޭނެ ސުލްހަވެރި ގޮތެކެވެ. މިގޮތުން އަންހެނެއްގެ ބުރުގާ، ހެދުން އަދި އެނޫންވެސް ކަންކަމަކީ އެއަންހެނެއްގެ އަމިއްލަ އިހްތިޔާރުކަން ގަބޫލުކުރަންޖެހެއެވެ. އަދި އެމީހެއްގެ އިހްތިޔާރަށް އެކަންކަން ދޫކޮށްލުމަކީ ހަމަޖެހޭ މުޖުތަމައުއެއް ބިނާކުރުމަށް ކޮންމެހެންވެސް މުހިންމު ކަމެކެވެ. އަދިއެއީ ކުރެވިދާނެ، ކުރަންޖެހޭ ކަމެކެވެ. މޫނުބުރުގާ އަޅަންބޭނުން މީހަކަށް އެފުރުސަތު އޮންނަންޖެހޭ ފަދައިން ބުރުގާ އަޅަންބޭނުން މީހަކަށް އެފުރުސަތު އޮންނަންޖެހެއެވެ. އަދި މޫނު/ ބުރުގާ ނާޅަން ނުވަތަ އެޅުމަށްފަހު ނަގަން އެދޭ މީހަކަށް އެފުރުސަތުވެސް އޮންނަންޖެހެއެވެ. އޮވެގެން ނުވާނީ ފުރައްސާރަކުރުމާއި މަޖުބޫރުކުރުމެވެ.

Leave a Reply

Your email address will not be published. Required fields are marked *