ލާދީނީ: ބޭނުންކުރުން ހުއްޓާލަންޖެހޭ ބަހެއް

Square
މިޔޮއްފަދަ ބަރަކާތްތެރި رَمضان މަހު ރައްޔިތުންނަށް ނަމާދު ވާކްޝަޕެއް ބާއްވާލަން ބ. ކިހާދޫ ސްކޫލް ނުދިން – މިއީ މިއަދު ޢަލީ ރަމީޒް ކޮށްފައިވާ ޓްވީޓެއްގެ އިބާރާތެވެ. ޢަލީގެ މިޓްވީޓަށް ރައްދުދެމުން ހަސަން ފިކުރީ ބުނެފައިވަނީ ރަށު ކައުންސިލާއި ރައްޔިތުން އަދި ބެލެނިވެރިން އެދިގެން ބާއްވާ ނަމާދު ވާކްޝަޕްއަށް ސްކޫލްގެ ހޯލް ނުލިބުމަކީ ނިހާޔަތަށް ހިތާމަހުރި ކަމެއްކަމުގައެވެ. މިއީ ހަގީގަތުގައިވެސް ހިތާމަހުރި ކަމެކެވެ. މަދަނީ ޖަމްއިއްޔާ ޖަމާއަތްތަކުން ކުރާ މަސައްކަތްތަކަށް ހުރަސްއެޅުމުގެ ބަދަލުގައި ހިތްވަރުދީ އެހީތެރިވުމަކީ ސަރުކާރާއި ދައުލަތުގެ މުއައްސަސާތަކުން ކުރަންޖެހޭ ކަމެކެވެ. ޖަމްއިއްޔާ ޖަމާއަތްތަކަކީ މުޖުތަމައުއަށް ނުހަނުފައިދާހުރި ގިނަގުނަ މަސައްކަތްކުރާ މުއައްސަސާތަކެކެވެ. މުޖުތަމައުގައި ހުންނަ އެތަކެއް ބޮޑެތި މައްސަލަތަކަށް ހައްލުހޯދުމަށާއި އެފަދަ ކަންކަމާގުޅޭގޮތުން އާންމުން ހޭލުންތެރިކުރުމާއި ތަފާތު މައުލޫމާތު އާންމުންނާ ހިއްސާކުރުންފަދަ އެތަކެއް މަސައްކަތެއް އެންމެ ފުޅާދާއިރާއެއްގައި ކުރާބަޔަކީ ޖަމްއިއްޔާ ޖަމާއަތްތަކެވެ، ޖުމުލަގޮތެއްގައި މަދަނީ މުޖުތަމައުއެވެ.

މިމުހިންމު މައުޟޫއުގެ ތެރެއިން ހިތާމަކުރަންޖެހޭ އަދި ހައްލުކުރަންޖެހޭ އެހެން މައުޟޫއެއްވެސް އުފަންވިއެވެ. ނަމާދު ވާކްޝަޕް ބާއްވަން ސްކޫލްގެ ހޯލް ނުދިން މައްސަލައާއި ގުޅިގެން ޢަލީ ޒައިދް ބުނެފައިވަނީ “އަޅުގަނޑު ވަރަށް އިހްތިރާމާއެކީ ސަރުކާރަށް ގޮވާލަން. އެޑިއުކޭޝަން މިނިސްޓްރީގައި ލާދީނީ މީހަކު ހުރިނަމަ އެތަން ވީއެންމެ އަވަހަކަށް ސާފު ކުރެއްވުމަށް. އިސްލާމީ ދައުވަތަށް ހުރަސް އަޅާނީ ޔަގީނުންވެސް ލާދީނީ މީހުން. މިކަމަށް އެދެވޭ ހައްލެއް ވަރަށް އަވަހަށް އަންނާނެ ކަމަށް އުންމީދު ކުރަން”، މިހެންނެވެ. މިޓްވީޓްތަކާ ގުޅިގެން އެކިމީސްމީހުންނަށް ލާދީނީ އިނގިލިދިއްކުރަމުން ސިޔާސީ ގޯލްޖަހަންވެސް ބައެއް ފަރާތްތަކުން މަސައްކަތްކުރަމުން ދިޔައެވެ.

ހަގީގަތަކީ އެކި ޖަމްއިއްޔާ ޖަމާއަތްތަކުން ސްކޫލްތަކުގައި ހިންގަންބޭނުންވާ ހަރަކާތްތަކަށް އެޑިއުކޭޝަން މިނިސްޓްރީއިން ފުރުސަތު ހަނިކޮށްފައިވާކަމެވެ. ބައެއްފަހަރު ސްކޫލެއްގެ މެނޭޖްމަންޓުން ހަރަކާތެއް ބާއްވަން ހުއްދަދިންނަމަވެސް، އެޑިއުކޭޝަން މިނިސްޓްރީއިން ހުއްދަނުދީގެން، ނުވަތަ ހުއްދަދިނުން ލަސްވެގެން އެފަދަ ހަރަކާތްތައް ސްކޫލްގައި ނުބޭއްވިފައި އެބަހުއްޓެވެ. އެހެންކަމުން، ދީނީ މައުޟޫއަކަށް ބާއްވަން އުޅުނު ހަރަކާތަކަށް ސްކޫލް ނުލިބުމުން އެކަން ދީނާ ގުޅުވައިގެން އެޑިއުކޭޝަން މިނިސްޓްރީގައި ލާދީނީ ބަޔަކު ތިބީކަމުގައި ވިސްނައިދިނުމަކީ ވަރަށްވެސް ހިތާމަވެރިކަމެކެވެ. ދިވެހި މުޖުތަމައު މިއަދު މިވަނީ ގިނަ ދާއިރާތަކަކުން ބައިބައިވެފައެވެ. ސިޔާސީ ފިކުރުތަކާއި ދީނީ އެކި ވިސްނުންތަކުގައި ގިނަ ހިޔާލުތަފާތުވުންތަކެއް އުފެދިފައެވެ. އަދި މިފަދަ ބައިބައި ވުންތަކުގެ ތެރެއިން މީހުންނަށް އަނިޔާކުރުމާއި މީހުން މެރުންފަދަ ނުބައިނުލަފާ އަމަލުތައް މިވަނީ ގިނަވެފައެވެ.

މިފަދަ ހާލަތެއްގައި އޮއްވާމެ، ދީނީގޮތުން މީހުން ހޭލުންތެރިކުރުމުގެ ފުރުސަތު ލިބިފައިތިބި، ދީނީ އިލްމު ފެތުރުމުގެ ސަނަދު ލިބިފައިތިބި މީހުން، އެކި މީސްމީހުންނަށް ލާދީނީ އަށް ގޮވާގޮވުމަކީ ބައިބައިވުމަށްދެވޭ ހިތްވަރެއްކަމުގައިމެނުވީ ނުވޭހެއްޔެވެ؟ އިވޭ އަޑަކުން، ކުރިމަތިވާ ހާލަތަކުން ހަމަ ކުއްލިޔަކަށް މީހަކީ ލާދީނީ މީހެއްގެ ގޮތުގައި ސިފަކޮށްލުމަކީ ފަސޭހަ، އެހެނަސް އޭގެ ނޭދެވޭ އަސަރު ނުހަނު ބޮޑު ކަމެކެވެ. ވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައި ލާދީނީ، މިބަސް ބޭނުންކުރެވިފައިވާގޮތާއި، މިބަހުގެ ސަބަބުން ހިނގާފައިވާ ހާދިސާތަކަށް ބަލާއިރު، މައްސަލައެއް ފެންމަތިވާއިރަށް މިބަސްބޭނުންކުރުމުގެ ނުރައްކާތެރިކަން ވަރަށްވެސް ސާފެވެ. މިބަސް ގުޅި ލާމެހިފައިވަނީ އަލްމާނީ އަދި ސެކިއުލަރިޒަމް ފަދަ ބަސްބަހާއެވެ. މިފަދަ ބަސްބަހަށް ޖުމުލަގޮތެއްގައި ބަލާއިރު، މީހަކީ މިފަދަ ލޭބަލެއް ލިބިފައިވާ މީހެއްނަމަ އެމީހަކު މަރާލުމަކީވެސް ހަމަ އެންމެ ރަގަޅު ކަމެއްގެ ގޮތުގައި ދެކޭ ދިވެހިން ގިނަކަން ނުވަތަ ގިނަވަމުން އަންނަކަން ފާހަގަކުރެވެއެވެ.

މީހަކު ނުވަތަ ބަޔެއްގެ ބޮލުގައި ލާދީނީ ލޭބަލް އަޅުވާއިރު، ތިމާގެ ތަވާޟުޢުވެރިކަމާމެދު ސުވާލު އުފައްދަންޖެހެއެވެ. ހާއްސަކޮށް ތިމާގެ ދީނީ މިންވަރަކީ ކޮބައިތޯ ސުވާލުއުފައްދާލަން ޖެހެއެވެ. އަދި އެފަދަ ސުވާލުތަކުގެ އަލީގައި، އަނެކެއްގެ ކުރިމަތީގައި ތިމާގެ އަމަލަކީވެސް ލާދީނީ އަމަލަކަށް ވެދާނެކަން ހަނދާންކޮށްލުން މުހިންމެވެ. އެކި މީހުންގެ މައުލޫމާތާއި އިލްމު ތަފާތުވާނެއެވެ. ތަޖުރިބާއާއި ޝުއޫރުތައްވެސް ތަފާތުވާނެއެވެ. އެކިކަހަލަ ލޭބަލްއަޅުވައި ބައިބައިވުމަށް މަގުފަހިކޮށް ރުޅިވެރިކަމާއި ނަފުރަތަށް ޖާގަދިނުމުގެ ކުރިން މަޝްވަރާގެ މަގަށް ޖާގަދިނުން މުހިންމެވެ. ދީން ކުރިއެރުވުމުގެ ނިޔަތުގައިވެސް، ވަކި ސިޔާސީ ފިކުރެއް ކުރިއެރުވުމުގެ ނިޔަތުގައިވެސް ލާދީނީ، މިބަސްބޭނުންކޮށްގެން ނަފުރަތާއި ރުޅިވެރިކަން އުފެއްދުމުގެ ބަދަލުގައި ރިވެތި އުސޫލުން ކަންކަންކުރުން މުހިންމެވެ. ލާދީނީ، މިބަސް މިއީ މިމުޖުތަމައުގައި ބޭނުންކުރުން ހުއްޓަލަންޖެހޭ ބަހެކެވެ!

Leave a Reply

Your email address will not be published. Required fields are marked *